މެދު ރާއްޖެތެރެއާއި އުތުރަށް ވިއްސާރަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާނެ އެދެފި

މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަ، ކަނޑުތައް ގަދަވާނެ-- ފޮޓޯ/ ސަން ފޮޓޯ

މެދު ރާއްޖެތެރެއާއި އުތުރަށް މިރޭ ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށާއި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.

މެޓުން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ ދަންވަރު 01:00 އާ ހަމައަށެވެ.

އެ އިދާރާއިން ލަފާކުރަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ލަފާކުރާގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވާނެއެވެ.

އެހެންކަމުން، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވެސް މެޓުން ލަފާކުރެއެވެ.

މެޓުން ލަފާކުރާގޮތުގައި މެދު ރާއްޖެތެރެއާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގެ ސަރަަހައްދުގައި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވެ މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އެމްއެންޑީއެފަށް ރިޕޯޓުކޮށްފައެވެ.

https://sun.mv/195108

މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މީގެކުރިން ވެސް ވަނީ ހިނގާފައެވެ. އެހެންކަމުން މޫސުން ގޯސް ދުވަސްތަކުގައި ކަނޑު ދަތުރު ކުރާއިރާއި، މޫދަށް އެރިއުޅުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، މޫސުން ގޯސްވާ ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި، މެޓް އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުކަން ދިނުމަށް ވެސް އެ އިދާރާއިން ވަނި އެދިފައެވެ.

comment ކޮމެންޓް