މޫސުން ވަރަށް ގޯސް، ކަނޑުމަތީ ގިނަ ހާދިސާތަކެއް ހިނގައިފި

މޫސުން ވަރަށް ގޯސް، ކަނޑުމަތީ ގިނަ ހާދިސާތަކެއް ހިނގައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އިއްޔެ އާއި މިއަދު ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން މިއަދު ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއަކަށް އެހީތެރިވުމަށް ކޯސްޓްގާޑްއިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ އެކަނި އެފަދަ ހަ ހާދިސާއެއްގެ ރިޕޯޓް ކޯސްޓްގާޑްއަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާތަކުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓްއިން ބުނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިޖެހޭނެ ކަމަށް މެޓްއިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މީގެކުރިންވެސް ވަނީ ހިނގާފައެވެ. އެހެންކަމުން މޫސުން ގޯސް ދުވަސްތަކުގައި ކަނޑު ދަތުރު ކުރާއިރުއާއި، މޫދަށް އެރިއުޅުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް