ރައްޔިތުންގެ މަޖިލީހެއްގައި ދުވަހަކު ވެސް މަސައްކަތް ނުކުރާ މިންވަރަށް މިދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި މިހާރުގެ މަޖިލީހުން މަސައްކަތްކޮށްފައިވާ ކަމަށާއި، މިއީ އެންމެ ހާޒިރީ ރަނގަޅު މަޖިލިސް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން ފަލާހު ވިދާޅުވީ އައު އެތައް ގާނޫނެއް ފާސްކުރުމުގެ އިތުރުން، އެތައް ގާނޫނަކާއި ގަވާއިދަކަށް މި މަޖިލީހަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ.
މަޖިލީހުގައި 19 ކޮމިޓީއެއް އޮތްއިރު، ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހިނގައެވެ. ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ނުވަތަ އަށް މެންބަރުން ތިއްބަވާއިރު، ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާ ވަގުތުގައި މަޖިލިސް ތަޅުމުގައި މެންބަރުން ނުތިބޭނެކަން ފަލާހު ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި ކުރެވޭ މަސައްކަތްތަކަކީ ކޮމިޓީތަކުގައި ކުރެވޭ މަސައްކަތްތަކާއި އަޅާބަލާއިރު، މާ ކުޑަ މަސައްކަތެކެވެ. އެހެން ނަމަވެސް ބައެއް ނޫސްތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔަމުން ގެންދާތީ، ކަންބޮޑުވުން ފާޅު ކުރައްވައިފައިވެއެވެ.
"އެހެން ނަމަވެސް އިދިކޮޅު ބައެއް ނޫސްތަކުގައި ލިޔަމުން މި ދަނީ މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް މެދުކަނޑާލައިފިއޭ. ދެން އަޅުގަނޑުމެން ދާއިރާތަކުގެ ރައްޔިތުން ހީކުރަނީ، އަޅުގަނޑުމެން މުސާރަ ނަގައިގެން ނިދަނިއްޔޭ މެންދުރުފަހު. އެކަމު ހަރާން، އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށްދާއިރު، ނިންޖާ ތާއްޔަށް ޖެހިޖެހި،"
މީގެ އިތުރުން ފަލާހު ވިދާޅުވީ މި ހިނގާ މަޖިލީހުގެ މެންބަރުންނަކީ އެންމެ ހާޒިރީ ރަނގަޅު މެންބަރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މި މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ވާންޖެހޭނެ ކަމަށް އިރުޝާދު ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ 75 މެންބަރުން ތިއްބަވައެވެ. ފަލާހު ވިދާޅުވީ ބަލި ހާލެއް ޖެހިގެން މެނުވީ މެންބަރުން މަޖިލީހަށް ނައިސް ނުތިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ ކަމަކަށް ކަމެއް ކުރާ އުސޫލަކުން ނޫނެވެ. އެ ގޮތުން މިހާރު އޮތް މަޖިލީހުން މަސައްކަތް ކުރަނީ ނިޔަތެއްގައިކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި މަޖިލީހުން ގިނަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރެއެވެ. އެގޮތުން އެކިއެކި މައްސަލަތަކުގައި ކަމާ ގުޅުންހުރި އިދާރާތައް ޖަވާބުދާރީ ކުރުމަށް ހާޒިރުކޮށް މަޖިލީހުގެ ޖަލްސާތައް ނެތް ދުވަސް ދުވަހު ވެސް ކޮމިޓީތައް ބާއްވައެވެ.