ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާ ކުރުކޮށްލައިފިއެވެ.
ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރެއްވުމެވެ. ނަމަވެސް އާއިލީ ކަމަކާ ގުޅިގެން މަޖިލީހަށް މިނިސްޓަރަށް ވަޑައިގެންނެވޭ ގޮތް ވެފައެއްނުވެއެވެ.
އެޖެންޑާގައި ދެން އޮތީ، މާލިއްޔަތު ކޮމިޓީން ދިރާސާކުރި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް ނިންމި ގޮތް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ.
ކޮމިޓީ މަރުހަލާގައި އެ ރިޕޯޓުތައް ބެލިބެލުމުން އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ. އެއާއެކު މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އެ ދެ ރިޕޯޓަށް ވެސް ބަހުސްކުރުމަށް ހުޅުވާލާފައެވެ.
ނަމަވެސް ބަހުސްގެ ވަގުތަށް ދެބުރަށް ހުޅުވާލުމުން ވެސް ބަހުސްކުރެއްވުމަށް އެއްވެސް މެންބަރަކު އެދިވަޑައެއް ނުގަތެވެ. އެހެންނަމަވެސް ތަޅުމުގައި 50 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވެ.
އެއާއެކު ރިޔާސަތުން ދެން ނިންމެވީ 11:00 ގައި އޮޑިޓް ރިޕޯޓުތައް ފާސްކުރުމަށް ވޯޓަށް އެހުމަށްޓަކައި އެ ވަގުތަށް ޖަލްސާ މެދުކަނޑާލުމަށެވެ. އާންމު ގޮތެއްގައި މަޖިލީހުގެ މަސައްކަތްތައް ނިންމާ ވޯޓަށް އަހާނީ މެންދުރު 13:30 ގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރެއެވެ. އެގޮތުން އެކިއެކި މައްސަލަތަކުގައި ކަމާ ގުޅުންހުރި އިދާރާތައް ޖަވާބުދާރީ ކުރުމަށް ހާޒިރުކޮށް މަޖިލީހުގެ ޖަލްސާތައް ނެތް ދުވަސް ދުވަހު ވެސް ކޮމިޓީތައް ބާއްވައެވެ.