މާރުކޭޓުގައި ބިދޭސީން ގެންގުޅުމަށް މާލޭ ސިޓީ ކައުންސިލުން ދޫކުރާ ފާސް ދެން ލިބޭނީ އިކޮނޮމިކް މިނިސްޓަރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެ ކައުންސިލުން ނެރުނު ސާކިއުލާއެއްގައި ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބިދޭސީން ބައިވެރިވެގެން ކުރާ ކޮންމެ ވިޔަފާރިއަކީ ވެސް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓާކޮށްފައިވާ ވިޔަފާރިއަކަށް ވާންޖެހޭ ކަމަށެވެ.
އެހެންކަމުން މި މަހުން ފެށިގެން މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ގެނަގުޅުމަށް ފާސް ހަދައިދެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ގޮޅިތަކަށް އެކަނި ކަމަށެވެ.

އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދި މިހާރު ފާސް ހަދައިގެން ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް މި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރި ރަޖިސްޓްރީކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ފާސް ދޫކުރާއިރު މީގެ ކުރިން ބިދޭސީ މަސައްކަތްތެރިން ފުރިފައި އޮތް މާލޭގެ މާރުކޭޓުތަކުން ބިދޭސީން މިހާރު ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓާ ޑީޕޯޓުކުރަންފެށުމުން މާލޭގެ މާރުކޭޓުތަކުގައި ބިދޭސީ މަސައްކަތްތެރިން ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް އާންމުނާއި މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިވެރިން ބުނެއެވެ.