ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ދަށުން މިއަދު އެކަނިވެސް 1،344 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށާއި، އެ ތަނުން މައުލޫމާތު އެއްކުރަން ޖެހުނީ 254 ބިދޭސިއެއްގެ ކަމަށް، ކޮންޓްރޯލަރު ޖެނެރަލް އަޙްމަދު ފަސީޙް މިރޭ ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިމިގްރޭޝަނާއި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާއި ރެޑް ކްރެޒެންޓާއި އެމްއެފްޑީއޭ ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ ދަށުން މުޅި މާލެ 24 ސަރަހައްދަކަށް ބަހައިލައި، ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ.
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލަށް ނޫސްވެރިން ދިޔަ އިރު، އެ ތަނުގައި ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވިއެވެ. އޭރުވެސް އިމިގްރޭޝަން އޮފިސަރުން ގެންދިޔައީ އެ ތަނަށް ގެނެސްފައިތިބި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮންޓްރޯލަރު ޖެނެރަލް އަޙްމަދު ފަސީޙް ވިދާޅުވީ މިއަދު އެކަނިވެސް 1،344 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށާއި، އެ ތަނުން މައުލޫމާތު އެއްކުރަން ޖެހުނީ 254 ބިދޭސިއެއްގެ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަސީޙް ވިދާޅުވީ، މިއަދު ހިންގި އޮޕަރޭޝަންގައި 639 ތަނެއް ބަލައި ފާސްކޮށް، 1،344 ބިދޭސީންނާ އިދާރާތަކުން ސުވާލުކުރި ކަމަށެވެ. އޭގެ ތެރެއިން މައުލޫމާތު އެއްކުރަން ގެންނަން ޖެހުނީ 254 ބިދޭސީން ކަމަށާއި، އެ ބިދޭސީންގެ ތެރެއިން ގިނަ މީހުން ލީގަލައިޒްވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް، ފަސީޙް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 80 އިންސައްތަ ބިދޭސީން ތިބީ ގަވައިދާ އެއްގޮތަށް ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވެ، ފަސީޙް ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"އަޅުގަނޑުމެން އިމިގްރޭޝަންގެ އަމާޒަކީ ދިވެހި ރައްޔިތުން ކުށްވެރިކުރުމެއްނޫން، ދިވެހި ރައްޔިތުންނަށް ފުރުސަތުދީގެން މި ކަންކަން ހަމައަކަށް އެޅުވުން،" އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަން ކުރަނގި ރަށްރަށަށް ފުޅާވެގެން ދާނެ ކަމަށް ފަސީޙް ވިދާޅުވިއެވެ.
'ސަން' އިން ސުވާލުކުުރުމުން ފަސީޙް ވިދާޅުވީ، އެންމެ ގިނަ ރަށްރަށް ދެނެގަނެ އެ ތަންތަނަށް އޮޕަރޭޝަން ކުރަނގި ފުޅާކުރައްވާނެ ކަމަށެވެ. އެގޮތުން މާލެއަށްފަހު ބިދޭސީން ދެން އެންމެ ގިނަވާނީ ކުޅުދުއްފުށްޓާއި އައްޑުއާއި ފުވައްމުލަކާއި ތިނަދޫގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ކަމަށް ފަސީޙް ވިދާޅުވިއެވެ. ނަމަވެސް މާލެއަށްފަހު، އޮޕަރޭޝަން ކުރަނގި ފުޅާކުރައްވާނެ ސީދާ ރަށެއް ނުވަތަ ސަރަހައްދެެއް ވިދާޅެއްނުވެއެވެ.
މިއަދު ހަވީރު ހަތަރަކުން ފެށިގެން ހައެއް ޖަހަންދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަމަށާއި، އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށެވެ.
މާލޭގައި މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި މާލެ 24 ޒޯނަކަށް ބަހާލައިގެންނެވެ. އިމިގްރޭޝަނުން ބުނީ އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ބޮޑެތި ޒޯންތަކުގައި ތިން ޓީމަކުން ހަރަކާތްތެރިވި ކަމަށާއި، އެންމެ ކުދި ޒޯނުތަކުގައިވެސް ދެ ޓީމުން ހަރަކާތްތެރިވި ކަމަށެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ހާމަކުރައްވައިފައެވެ.
އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖޭން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ލިޔުއްވައިފައެވެ.