ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ޑީޕޯޓްކުރަން ފެށުމާއެކު މާލޭގެ މާރުކޭޓުތަކުން ބިދޭސީން މަދުވާން ފަށައިފިއެވެ.
ރާއްޖޭގައި ބިދޭސީން ގިނަވެ، އޭގެ ތެރޭގައި ވެސް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ވަނީ ގިނަ އަހަރުތަކަކަށް ދިގުލައިގެން ގޮސްފައެވެ.
މާލޭގެ ބާޒާރުމަތީގައި ހުންނަ މާރުކޭޓުތަކުގެ ކޮންޓްރޯލް ވެސް މީގެ ބިދޭސީން ނަގައިގެން އުޅޭކަމުގެ ޝަކުވާއާ ކަންބޮޑުވުން ދިވެހި ވިޔަފާރިވެރިން އަބަދުވެސް ފާޅުކުރެއެވެ.
ޤާނޫނުތަކާއި ޤަވާއިދުތައް ބުނާގޮތުން ވިޔަފާރިކުރާ ތަންތަނުގައި ވިއްކާ ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތައްކުރުމަށް ބިދޭސީންނަކަށް ނުތިބެވެއެވެ. ނަމަވެސް ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ފައިސާގެ މުއާމަލާތުތައް ކުރުމަށް ވެސް ތިބީ ބިދޭސީންނެވެ.
ނަމަވެސް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓާ އެމީހުން ޑީޕޯޓްކުރަން ފެށުމުން މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން ވަނީ ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ބައެއް އާންމުން ބުނެއެވެ.
މާރުކޭޓުތަކުގެ ގޮޅިތަކުގައި ތިބި ބައެއް ވިޔަފާރިވެރިން "ސަން"އަށް ބުނި ގޮތުގައި މިހާރު ގޮޅިތަކުގައި ބިދޭސީން ގެންގުޅެނީ ހަމައެކަނި އަތް ގާތްކޮށްދީ ކުދިކުދި މަސައްކަތް ކުރުމަށް ކަމަށެވެ.
"މިހާރު ވަރަށް ބޮޑަށް ފަސޭހަވެއްޖެ. އެބަ އެނގޭ އެހެން ނުގަވައިދުން އުޅެންޏާ އަދަބާ ކުރިމަތިވާނެކަން. އެކަމު އަދިވެސް ހަމަ ބައެއް ތަންތަނުގައި ބިދޭސީން ހަމަ ކުރިއެކޭ އެއްގޮތަށް މިނިވަންކަމާއެކުު އެބައުޅޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.
ނުގަވައިދުން އުޅޭ ބިދޭސީންގެ ބާރު މި ވިޔަފާރިތަކުން މުޅިން ކެނޑިފައިނުވި ނަމަވެސް، ކުރިއަށްވުރެ ހާލަތު ރަނގަޅުވެ ދިވެހީން އިސްވެ މަސައްކަތް ކުރަން މަޑުމަޑުން ފުރުސަތު ފަހިވަމުން އަންނަކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ކާބޯތަކެއްޗާ ޑޮލަރުގެ އިތުރުން މިނޫންވެސް ވިޔަފާރިތައް ނުގަވާއިދުން ކުރާ ބިދޭސީން ހޯދާ ފުލުހުންނާ އިމިގްރޭޝަނުން އަންނަނީ އެފަދަ ކަންކަން ހުއްޓުވަމުންނެވެ.
މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތައް ވެސް ހިމެނެއެވެ.