ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައިގައި، ބިދޭސީންގެ އެކައުންޓްތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ފަށާނަން: ސަޢީދު

އިކޮނޮމިކް މިނިސްޓަރު ސަޢީދު: ވިދާޅުވީ ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ވަރަށް އަވަހަށް ފަށާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ފަރާތްތަކުގެ ބޭންކު އެކައުންޓުތަކާއި މީރާ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބެލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވަރަށް އަވަހަށް ފަށާނެއެވެ. މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. މިގޮތުން ލިބުނު 409 ޝަކުވާއަކާ ގުޅިގެން 242 ތަނެއް ބަލައި، 102 ތަނެއް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅައި ޑީޕޯޓުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

  • ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ބޭންކު އަދި މީރާ އެކައުންޓުތައް ބަލަނީ
  • އިކޮނޮމިކް މިނިސްޓްރީއަށް ލިބުނު 409 ޝަކުވާއަކާ ގުޅިގެން 102 ތަނެއް ވަނީ ބަންދުކޮށްފައި
  • އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައި
  • މައުލޫމާތު ނުދީ ތިބި 2800 އެއްހާ ބިދޭސީން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޑީޕޯޓުކުރާނެ

ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައިގައި، ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ވަރަށް އަވަހަށް ފަށާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ގިނަ ފަހަރަށް ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ލިބުމުން މިނިސްޓްރީން ގޮސް ބަލައިލާއިރު، އެ ވިޔަފާރިއެއްގެ އަސްލު ވެރި ފަރާތަކީ ދިވެއްސެއްކަން ފާހަގަވާ ކަމަށެވެ.

ދެން އާންމުކޮށް ފެންނަ ބިދޭސިއަކީ ގަވައިދާ ޚިލާފަށް މަސައްކަތްކުރާ މީހެއްތޯ ބަލާ ކަމަށާއި، އެ މީހަކީ ގަވައިދާ ޚިލާފަށް މަސައްކަތްކުރާ މީހެއް ނަމަ އިމިގްރޭޝަނުން ފިޔަވަޅު އަޅާ ކަމަށް، ސަޢީދު ވިދާޅުވިއެވެ.

މި މައްސަލަ ބިޒްނަސް ކައުންސިލަށް ހުށަހަޅައި، ވިޔަފާރިވެރިންނާ މަޝްވަރާކުރުމުން ދިން ލަފަޔަކީ، ސަޢީދު ވިދާޅުވިގޮތުގައި، މީރާ މެދުވެރިކޮށް ބިދޭސީން ހިންގާ މުއާމަލާތްތަކާއި، ބޭންކު އެކައުންޓުތަކުގައި ފައިސާ ދައުރުވާ ގޮތް ބެލުމެވެ.

"މިހާރު އެކަމަށް ވެސް އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް އެބަ ކުރަން، ދުވަސްކޮޅެއް ތެރޭ އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ ދައުރުވަނީ ބިދޭސީ އެކައުންޓެއްގަތޯ ނޫނީ ކިހާ ވަރެއްގެ ލިންކޭޖެއް އިނދޭތޯ މި ނެޓްވޯކު ތެރޭގަ މިފަދަ ވިޔަފާރިތައް ހިންގާއިރު،" އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ ކަމުގެ 409 ޝަކުވާއެއް އިކޮނޮމިކް މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 242 ތަނެއް ބަލައި ފާސްކޮށް، 102 ތަނެއް ވަގުތީ ގޮތުން ބަންދުކުރި ކަމަށް ސަޢީދު ވިދާޅުވިއެވެ. އެއީ ހުއްދަނޫން ވިޔަފާރި ހިންގާ 57 ތަނާއި ސެލޫން އެންޑް ސްޕާގެ ކެޓަގަރީގައި ހިމެނޭ 45 ތަނެކެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތައި، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެ މަސައްކަތުގެ ތިންވަނަ ފިޔަވަހީގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 1،344 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް، ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަސީޙް ވިދާޅުވެފައިވެއެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ހާމަކުރައްވައިފައެވެ.

އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖޭން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ލިޔުއްވައިފައެވެ.

އެކަމާ ގުޅުވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަމަށާއި، އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް، އިޙްސާން ވިދާޅުވިއެވެ.

comment ކޮމެންޓް