މޯލްޑިވްސް 2.0ގެ ދަށުން ރާއްޖޭގައި ވަޒީފާ ދޭ މީހުންގެ ލިސްޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް ލޭންޑް ސެކިއުރެޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 ތަންފީޒުކުރުމަށްފަހު ދައުލަތުގެ އިދާރާއަކުން ދޫކުރާ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެހެން އިދާރާއަކަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ހުރިހާ ޑޭޓާތަކެއް އޭރުން ހުންނާނީ ގުޅިލާމެހިފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ 2.0ގެ ދަށުން ޚިދުމަތްތައް ހޯދަން ދާ ބިދޭސީ މީހާއަށް ވެސް އޭރުން ވަރަށް ފަސޭހަވާނެ ކަމަށެެވެ. އެމީހެއްގެ އޮތެންޓިސިޓީ ގަވާއިދާ އެއްގޮތަށް އުޅޭނަމަ ވަގުތުން އެސްޓެބްލިޝް ކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތްދޭ ފަރާތްތަކުގެ ނުވަތަ ވަޒީފަދޭ ފަރާތްތަކުގެ، ސިސްޓަމް ލެވެލްގެ 'ވައިޑް' ލިސްޓެއް މިހާރު ހަދަމުން އަންނަކަމަށެވެ. އެ ލިސްޓާއެކު މިނިސްޓްރީއަށް ނުވަތަ މުއައްސަސާތަކަށް ޚިދުމަތްތަކަށް ރިކުއެސްޓުކުރުމުން އޮޓޯއިން އެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީރާއަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާ ރަޖިސްޓާކުރެވި، ބަރާބަރަށް ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ވެއްޖިއްޔާ އަޅުގަނޑުމެންގެ ސިސްޓަމުން އެ ފަރާތެއް ޚިދުމަތަކަށް ރިކުއެސޓް ކޮށްލުމުން އޮޓޯއިން އެ ޚިދުމަތް އެކްސެޕްޓް ކުރެވިގެންދާ ގޮތަށް އެޕްރޫވް ކުރެވިގެންދާ ގޮތަށް އަޅުގަނޑުމެން އެބަހަދަން. ހޯމް ލޭންޑް ސެކިއުރެޓީ ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނު
މިނިސްޓަރު ވަނީ ބިދޭސީންގެ މައްސަލަ ދެމެހެއްޓެނިވި ގޮތަކަށް ހައްލުކުރެވޭނީ ގާނޫނީ ގޮތުން އެހެން ގައުމުތަކުގައި ވެސް ގާއިމުކޮށްފައި ހުރި ބައެއްް މިންގަނޑުތައް ހިމަނައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ މިއަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ޑޮކިއުމަންޓްތައް ދިމާނުވާ، އަދި ވަޒީފާ ދޭ މީހެއް ނެތި އުޅޭ ބިދޭސީންގެ އަދަދު އެއް ޕަސެންޓަށް ދައްކުރުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ރައްޔިތުރުން ގަބޫލުކުރާ މިންގަނޑަށް އަދި ދުނިޔެއިން ބަލާ ބައިނަލްއަގްވާމީ މިންގަނޑާ އެއްގޮތަށް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.