އައިޖީއެމްއެޗްގެ އިހުމާލުން ކުޑަ ކުއްޖަކު މަރުވި މައްސަލައެއްގައި ގެއްލުމުގެ މާލީ ބަދަލު ދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން: އައިޖީއެމްއެޗްގެ އިހުމާލުން ކުޑަ ކުއްޖަކު މަރުވި މައްސަލައެއްގައި ގެއްލުމުގެ މާލީ ބަދަލު ދީފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިހުމާލުން ކުޑަ ކުއްޖަކު މަރުވި މައްސަލައެއްގައި ސެންޓްލްމަންޓު އެގްރިމެންޓެއް ހަދައި، އެ ގެއްލުމުގެ މާލީ ބަދަލު ދޭން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ސެޓްލްމަންޓު އެގްރީމަންޓަކަށް ދާންނިންމީ މައްސަލައިގެ ބާވަތުން ކޯޓުގައި ދިގުލައިގެން ދިޔުމަށް ވުރެ މަސްލަތު ގޮތަކަށް ފެނުނީ ސެޓްލްމަންޓް އެގްރީމަންޓަކަށް ދިޔުމުން ކަމަށްވާތީ ކަމަށެވެ.

އެގޮތުން، މާލީ ބަދަލުގެ ގޮތުގައި ދީފައި ވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އަދަދެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ، މައްސަލައިގައި ހެދި އެއްބަސްވުމަކީ އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމެެއް ކަަމަށާއި އެއްބަސްވުމުގައި މާލީ ބަދަލަށް ދިން ފައިސާ ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި، މިއީ އަމިއްލަ މައްސަލައަކަށް ވާތީ އާއިލާއިން ވެސް ބޭނުން ވަނީ އެ މައުލޫމާތު ސިއްރު ކުރުމަށް ކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހޮސްޕިޓަލްތަކުގެ އިހުމާލުން ތުއްތު ކުދިން މަރުވުމުގެ ހާދިސާތަކާއި އެކި ވަރުގެ އަނިޔާތައް ތުއްތު ކުދިންނަށް ދިމާވެފައި އެބަ ހުއްޓެވެ.

comment ކޮމެންޓް