ދެވަނަ ކުއާޓަރުގައި 5.84 ބިލިއަން ރުފިޔާގެ އާމްދަނީއެއް، 12.6 އިންސައްތައިގެ ކުރިއެރުމެއް

މީރާއާއި ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ދެވަނަ ކުއާޓަރުގައި 5.84 ބިލިއަން ރުފިޔާގެ އާމްދަނީއާއެކު 12.6 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 5.84 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި ކުއާޓަރާ އަޅާބަލާއިރު 12.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އަންދާޒާކުރި އަދަދަށްވުރެ 10.7 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

އާމްދަނީ އިތުރުވި ސަބަބުތަކަށް ބަލާއިރު، މިއަހަރުގެ މާޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު މިދިޔަ އަހަރުގެ މި ކުއާޓަރާ އަޅާބަލާއިރު 5.2 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބެޑް ނައިޓްތަކުން ޓެކްސްގެ ގޮތުގައި ނަގާ މިންވަރު ވެސް 7.4 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

މި ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީގެ 82 އިންސައްތަ ލިބިފައި ވަނީ ޓެކްސް ވަސީލަތްތަކުންނެވެ. ބާކީ 18 އިންސައްތަ ލިބިފައިވަނީ އެހެނިހެން ވަސީލަތްތަކުންނެވެ.

އެގޮތުން މި ކުއާޓަރުގައި ޖުމްލަ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ 4.80 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި ކުއާޓަރާ އަޅާބަލާއިރު 13.1 އިންސައްތައިގެ ކުރިއެރުމެއް ނަމަވެސް އަންދާޒާކުރި މިންވަރަށްވުރެ 11.5 އިންސައްތަ ދަށް އަދަދެކެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 1.04 ބިލިއަން ރުފިޔާއަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް އަންދާޒާކުރި މިންވަރަށްވުރެ 6.8 އިންސައްތަ ދަށް އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:

  • މުދަލާއި ޚިދުމަތުގެ ޓެކްސް: 3.30 ބިލިއަން ރުފިޔާ
  • އިންކަމް ޓެކްސް: 956.01 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް: 420.75 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 291.76 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް: 286.38 މިލިއަން ރުފިޔާ

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން އިގްތިސާދު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ޚަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރާނެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންނެވެ.

އެގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، އެހެނިހެން ޚަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވާފައެވެ. އަދި މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ބާއްވާފައެއް ނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިހާތަނަށް އައިއިރު ދައުލަތަށް ލިބެންޖެހި ނުލިބި، 15.4 ބިލިއަން ރުފިޔާ އެބައޮތެވެ. ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯއްދަވާނެ ކަމަށާއި އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް