ޑެޑްޕޫލްގެ އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރަނީ

މާވެލްގެ މަޝްހޫރު "ޑެޑްޕޫލް" ފްރެންޗައިޒްގެ ތިންވަނަ ފިލްމު "ޑެޑްޕޫލް އެންޑް ވުލްވަރީން"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބި އާމްދަނީ އެއް ބިލިއަން ޑޮލަރާ ގާތް ކޮށްފިއެވެ.

ޑެޑްޕޫލްގެ ތިންވަނަ ބައެއް ނެރޭނެ ކަމަށް އިއުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެންމެ ފަހުން ފިލްމު ރިލީޒް ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

މި ފިލްމު ބޮކްސް އޮފީހުގައި މިހާރުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އެބަ ދެއެވެ. އެގޮތުން ފިލްމުގެ އާމްދަނީ މިހާރު ވަނީ 700 މިލިއަން ޑޮލަރަށް އަރާފައެވެ. އެމެރިކާ އިން އެކަނި ވެސް ފިލްމަށް ވަނީ 298 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ލަފާ ކުރެވޭ ގޮތުގައި މި މަހުގެ މެދާ ހަމައަށް ދާއިރަށް ފިލްމުގެ އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.

ޑެޑްޕޫލްގެ ކުރިން ނެރުނު ދެ ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ ފިލްމުގެ އާމްދަނީ 750 މިލިއަން ޑޮލަރުން މަތީގައި އޮތްއިރު ދެވަނަ ފިލްމުގެ އާމްދަނީ ވެސް ވަނީ 785 މިލިއަން ޑޮލަރުން މައްޗަށް އަރާފައެވެ.

ޑެޑްޕޫލްގެ ރޯލުން ފެންނަ ރަޔާން ރޭނަލްޑްސް މި ފިލްމުން ފެންނައިރު އެންމެ ބޮޑު ސަޕްރައިޒަކަށްވީ ދެވަނަ ލީޑް އެކްޓަރެވެ. ރަޔަން އާއެކު ލީޑުން ދެން ފެންނަނީ އެކްސްމެން ފްރެންޗައިޒްގައި ވުލްވަރިންގެ ރޯލުން ފެނިފައިވާ ހިޔޫ ޖެކްމަން އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނަނީ ލެޒްލީ އަލްގަމް އާއި އެމާ ކޮރިންގެ އިތުރުން ޑެފްނީ ކީން އަދި މޮރީނާ ބެކަރީން އެވެ.

comment ކޮމެންޓް