މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއާއި ކެޑޭޓުން ބޭއްވި ޕެރޭޑު ބަލަން ގިނަ ބަޔަކު ނުކުމެ މާލޭގެ މަގުތައް ފުރާލައިފިއެވެ.
މި ޕެރޭޑު ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ޝަރަފުގެ ހިނގާލުން--- ސަން ފޮޓޯ/ އަމަން ލަތީފް
މިނިވަން ދުވަހުގެ މުނާސަބަތުގައި މި ހަރަކާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި މަހުގެ 26ވަނަ ދުވަހުގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ދުވަހު ސިފައިންނާއި ކެޑޭޓުގެ މި ހަރަކާތް ބޭއްވޭގޮތެއް ނުވިއެވެ.
ހަވީރު 04:15ގައި ފެށި މި ޕެރޭޑު ބަލަން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މަގުތަކަށް ނުކުމެ މަގުތައް ފުރާލިއެވެ. ނަމަވެސް، އެހެން އަހަރުތަކާ ޚިލާފަށް ދިވެހި ސިފައިންގެ ބޮޑު ލަޝްކަރާއި ސިފައިގެންގެ ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހު ބޭއްވި ޕެރޭޑުގައި ސިފައިންގެ އެކި ޔުނިޓްތަކުން އެ ޔުނިޓްތަކުގެ ޔުނީފޯމްތައް ދައްކާލި އިރު، ސްޕެޝަލް ފޯސްގެ ސްނައިޕަރުގެ ޔުނީފޯމަށް ކުޑަކުދީންގެ ސަމާލުކަން އަމާޒުވިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ޝަރަފުގެ ހިނގާލުން--- ސަން ފޮޓޯ/ އަމަން ލަތީފް
މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ޕެރޭޑު ބޭއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވާފައެއް ނުވެއެވެ.
މިނިވަން ދުވަހުގެ ހެނދުނު ބޭއްވުމަށް ހަމަޖެއްސި ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ބާއްވާ މި ޕެރޭޑަކީ ކޮވިޑާ ގުޅިގެން މެދުކެނޑުނު ނަމަވެސް، މީގެ ކުރިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޕެރޭޑެކެވެ.
އަށާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު އެ އެއްބަސްވުން އުވާލާއި އާ މުވާހަދާއެއްގައި ސޮއިކުރިއެވެ. އެ މުއާހަދާއާ އެކު ޚާރިޖީގޮތުންނާއި ސިޔާސީގޮތުން ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެ ވެގެންދިޔައެވެ.
މި އެއްބަސްވުމުގައި ސޮއެ ކުރެވުނީ ޖުލައި 26، 1965ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައެވެ. ސޮއެކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. މިނިވަން ދުވަސް ފާހަގަކުރަނީ އެދުވަހުން ފެށިގެންނެވެ.