ބްރައިޓަންގެ ގްރޮސް ޑޯޓްމުންޑްއަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ޕަސްކާލް ގްރޮސް ވަނީ ޖަރުމަނު ބުންޑެސްލީގާގެ ބްރޫޝިއާ ޑޯޓްމުންޑްއަށް ސޮއިކޮށްފައި --

އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ޕަސްކާލް ގްރޮސް ޖަރުމަނު ބުންޑެސްލީގާގެ ބްރޫޝިއާ ޑޯޓްމުންޑްއަށް ސޮއިކޮށްފިއެވެ.

ގްރޮސް ޑޯޓްމުންޑާއި ގުޅިފައިވަނީ ކިހާވަރެއްގެ އަގަކަށް ކަމެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 33 އަހަރުގެ ގްރޮސް ބްރައިޓަންއާ ގުޅިފައިވަނީ 2017 ވަނަ އަހަރު ޖަރުމަނުވިލާތުގެ ކްލަބެއް ކަމަށްވާ އިންގޮލްސްޓާޑްއިން ތިން މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ބްރައިޓަންގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އޭނާވަނީ 261 މެޗު ކުޅެދީ 32 ލަނދު ޖަހައިދީ 52 އެސިސްޓް ކޮށްފައެވެ.

ގްރޮސްއަކީ ޕްރިމިއާ ލީގުގައި ބްރައިޓަންއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

އޭނާ ވަނީ ޕްރިމިއާ ލީގުގައި ބްރައިޓަންއަށް 30 ލަނޑު ޖަހައިދީފައެވެ.

ބްރައިޓަންއިން ގްރޮސް އެކްލަބްގައި ބަހައްޓަން ބޭނުންވި ނަމަވެސް ގްރޮސް ބޭނުންވީ އޭނާ ކުޑައިރު ކުޅުނު ކްލަބް ކަމުގައިވާ ޑޯޓްމުންޑަށް ކުޅުމަށް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބްރައިޓަންގެ އާ ކޯޗު ފަބިއަން ހާޒެލާ ބުނީ ގްރޮސް ދޫކޮށްލަން ޖެހޭތީ ދެރަވާކަމަށާއި ނަމަވެސް އޭނާގެ ނިންމުން ބަލައިގަންނަ ކަމަށެވެ. އަދި ގްރޮސްއާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ނުލިބުމުން ހިތާމަ ކުރާ ކަމަށާއި ނަމަވެސް އޭނާއަށް ޖަރުމަނުގެ ބޮޑު ކްލަބަކުން ޖާގަ ލިބުމުން އުފާވެސް ކުރާ ކަމަށް ބުންޏެވެ.

ގްރޮސް ވެފައިވަނީ 2017 ވަނަ އަހަރު ބްރައިޓަން އިން ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމަށްފަހު އެޓީމަށް އެންމެ ފުރަތަމަ ގެންދިޔަ ކުޅުންތެރިޔާ އަށެވެ. އަދި ބްރައިޓަންއިން ޕްރިމިއާ ލީގުގައި 34 އަހަރުގެ ތެރޭގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ދެކޮޅަށް ޖަހައިދީފައިވަނީވެސް ގްރޮސްއެވެ.

comment ކޮމެންޓް