އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 158 އަށް އުފުލިއްޖެއެވެ.
ބިންގަނޑު ކެނޑި, ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައި ވަނީ ޗަލިޔާރް ކޯރު ކައިރީގައި އޮންނަ ކެރަލާގެ ފަރުބަދަމަތީ ވަޔަނާޑް ޑިސްޓްރިކްޓުގައެވެ. ބިންގަނޑު ކެނޑުމާއެކު، ވަޔަނާޑްގެ ރަށެއް ކަމުގައިވާ މުންޑަކާއީއާއި ޗޫރުލްމަލާއަށް ދަތުރު ކުރެވެން އޮންނަ މައި ބުރިޖު ވެސް ވަނީ ހަލާކުވެފައެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ މާދަމާގެ ނިޔަލަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް ކެރެލާ ފުލުހުން ބުނެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި މިހާރުވެސް 600 އަށް ވުރެ ގިނަ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އިއްޔެ ރޭ ހިނގި އެ ހާދިސާގައި މިހާތަނަށް 128 މީހުން ޒަޚަމްވެފައިވާއިރު، 100 އެއްހާ މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. އެ ހާދިސާއާ ގުޅިގެން ކެރެލާ ސްޓޭޓްގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، 11 ސަރަހައްދެއްގައި މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ކެރެލާ ސަރުކާރުން ވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. ސަރުކާރުން ތާވަލުކޮށްފައިވާ އާންމު ހުރިހާ ހަފްލާތަކާއި އުފާފާޅުކުރުމުގެ ޕްރޮގްރާމްތައް ވެސް ވަނީ ފަސްކޮށްފައެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު އަންނަނީ އާއިލާތަކާ ހަވާލުކުރަމުންނެވެ.
ބިންގަނޑު ކެނޑުމުގެ ހާދިސާގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވާ މުންޑަކާއީއަކީ ސައިފަތާއި ކާފޫރުތޮޅީގެ ދަނޑުވެރިކަން ކުރާ ސަރަހައްދެކެވެ. އެ ދަނޑުތަކުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ފޭލިގެ ފަދަ ތަންތަނުގައި ދިރިއުޅޭ ބަޔެއް ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެއެވެ.
ކެރެލާއަކީ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ހާދިސާތައް ވަރަށް އާންމުކޮށް ހިނގާ ސްޓޭޓެކެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ސްޓޭޓަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.