ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުން އިގުތިސާދީ ސިޔާދަތު ގެއްލޭނެ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުން އިގުތިސާދީ ސިޔާދަތު ގެއްލޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ރާއްޖެއިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އެއް ހެދުމަކީ ގައުމުގެ އިގުތިސާދީ ސިޔާދަތު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

'ހަވަރު ބެރު'ގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ފައްޔާޒު ވިދާޅުވީ، އިކޮނޮމިކް ސޮވިރިނިޓީ ނުވަތަ އިގުތިސާދީ ސިޔާދަތީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އިގުތިސާދީ ސިޔާދަތު ހިފެހެއްޓޭނީ ޓްރޭޑް ސޮވެރިނިޓީ ނުވަތަ ވިޔަފާރީގެ ސިޔާދަތު ހިފެހެއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ރާއްޖެ ފަދަ ގައުމަކުން މުދާ އެތެރެކުރާއިރު ވަރަށް ވަރުގަދަ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށާއި އެއް ބަޔަކަށް ބަރޯސާނުވެ މުއާމަލާތްތައް ކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާހިސާބަށް އައިއިރު ދިވެހިރާއްޖޭގައި އޮތީ ވަރަށް ޓްރެޑިޝަނަލީ، ޒަމާނުއްސުރެ ބިލްޑުވެފައި އޮތް ޓްރޭޑް ލިންކުތަކެއް. އޭގެ ތެރޭގައި އިންޑިއާ، އެއީ ވަރަށް ޒަމާނުއްސުރެ، ކޮޅުނބު، ދެން އައިސް ސިންގަޕޫރު، ދުބާއީ، ޗައިނާ ދެން ޔޫރަޕް ވެސް އޭގެ ތެރޭގައި އެބަ ހިމެނޭ. މިހެން ހުރި ޓްރޭޑް ލިންކްސްތަކެއް ހުއްޓާ އެފްޓީއޭއެއްގެ ވާހަކަ މިދައްކަނީ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެއް ގައުމުން އުފައްދާ ތަކެތި އަނެއް ގައުމަށް ޑިއުޓީއާ ނުލައި ވެއްދުމަށް ފުރުސަތު ލިބިދޭ އެފްޓީއޭއެއް އޮތުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޗައިނާއާއެކު އެފްޓީއޭއެއް ހެދުމުގައި އޮތް ކަންބޮޑުވުމަކީ، ވިޔަފާރިވެރިންނަށް މުދާ ގެންނަން ޗައިނާއަށް ބަރޯސާވާން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

'ހަވަރު ބެރު'ގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަން: ފައްޔާޒު ވަނީ ޗައިނާއާއެކު ހަދާ އެފްޓީއޭގެ ސަބަބުން އެގައުމަށް ބަރޯސާވާން ޖެހޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ

ޗައިނާއަކީ އުފެއްދުންތެރިކަން ބޮޑު ގައުމަކަށްވާއިރު، އެގައުމުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑައި، ރާއްޖެއިން ވިޔަފާރިކުރާ އެހެން ގައުމުތަކުން ޑިއުޓީ ނަގާނަމަ ވިޔަފާރިވެރިންނަށް ޖެހޭނީ ހަމައެކަނި ޗައިނާއިން ތަކެތި ގެންނަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއީ އަގުބޮޑުވޭ އެހެން ތަނަކުން މުދާ ގެންނަންޏާ، އެހެން ވިޔަފާރިވެރިއަކު ޗައިނާއިން ގެންނަންޏަ މާރުކޭޓުގައި ވިއްކާއިރުގައި، ޑިއުޓީ އަނެއް މުދަލަށް އިނީމައި އެއަށް ކޮމްޕީޓެއް ނުކުރެވޭނެ. އެހެންވީމަ މި ވާގޮތަކީ މަޑުމަޑުން ގޮސް، އަޅުގަނޑުމެން ޒަމާނުއްސުރެ އުފައްދާފައި ހުރި ޓްރޭޑް ލިންކުތައް ފުނޑުފުނޑުވެގެން ދަނީ،" އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ ޗައިނާގެ ދަށަށް އަޅުގަނޑުމެން ބަނޑުފުރާނަ މުއްތިކުރާނެ ހުރިހާ އެއްޗެކާއި އަޅުގަނޑުމެން ޖަހާ ސެންޓާ މިހެން ގޮސް ހުރިހާ އެއްޗެއް އޭގެ ތެރެއަށް ވަދެގެން ދާނީ."

ފައްޔާޒު ވިދާޅުވީ އެފްޓީއޭއެއްގެ ފައިދާ ލިބޭނީ އެކްސްޕޯޓް ކުރާ ގައުމުތަކަށް ކަމަށެވެ. އަދި ޗައިނާއަށް މަސް ބޭނުންކުރަން ކަމަށް ބުނެ، އެފްޓީއޭއެއް ހަދާއިރު ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީއެއް ނުލައި ވެއްދޭ ގޮތް ހެދުމުން ރާއްޖެއަށް އެ ޑިއުޓީ އާއި އެހެން ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ވެސް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިގުތިސާދީ ސިޔާދަތު ގެއްލިގެން ދިޔައިމަ އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ވެސް ބޮޑު ބުރުލެއް އަރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާއިރު، އެ އެފްޓީއޭއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް