ތެލުގެ އަގު ކުޑަކުރުމުން، އެސްޓީއޯގެ ފައިދާ ދަށަށް

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ދަށްވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ، ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ދަށްވެއްޖެއެވެ.

އެސްޓީއޯއިން އޭޕްރިލް މަހުން ޖޫން މަހުގެ ނިޔަލަށް އެކުލަވައިލައިފައިވާ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ 3.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެ އަދަދުތަކަކީ މިދިޔަ ކުއާޓަރާއި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު ވެސް ދަށް އަދަދެކެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4.49 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 195 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 3.78 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން، ރާއްޖޭގައި ވެސް ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.

ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓަރާ އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވުމާއެކު، ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރުގައި 203 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައީ މިދިޔަ މެއި މަހުގެ 27ގައެވެ. އެގޮތުން އޭރު ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. އެ ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ދަށްވިއެވެ.

އޭގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.33 ރުފިޔާއަށެވެ. އަދި ޑީސެލް ވިއްކީ 14.62 ރުފިޔާއަށެވެ.

comment ކޮމެންޓް