ކެރެލާގެ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 24 އަށް

ކެރެލާގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ. ފޮޓޯ/އަލް ޖަޒީރާ

އިންޑިއާގެ ކެރެލާގެ ދެކުނު ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.

ވަޔަނާޑް ޑިސްޓްރިކްޓްގެ މެއްޕަޑީ ކައިރިއަށް ރޭ އިންޑިއާ ގަޑިން މެންދަމު ދޭއް ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ ސަރަހައްދުގެ ހަތަރު އަވަށެއްގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.

"މިހާތަނަށް އެކި ހޮސްޕިޓަލްތަކުން 24 ހަށިގަނޑު ލިބިފައިވޭ." ކެރެލާގެ ސިއްޚަތާބެހޭ ވަޒީރު ވީނާ ޖޯޖާ ހަވާލާދީ އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާގައި ޒަޚަމްވި 70 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

އެ ސަރަހައްދަށް 200 އަށް ވުރެ ގިނަ ސިފައިން ފޮނުވާފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިއާގެ ވައިގެ ސިފައިންގެ ދެ ހެލިކޮޕްޓަރުގައި ވެސް އަންނަނީ ކުރަމުންނެވެ. ފުލުހުންގެ ޑްރޯންތަކާއި ޑޯގް ސްކޮޑެއް ވެސް އެ ސަރަހައްދަށް ފޮނުވާފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި އިތުރު މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. މިއަދުގެ ކުރިއަށް ހުރި ވަގުތުތަކުގައިވެސް ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.

ދަ ހިންދޫ ނޫހުން ބުނީ ގިނަ ގެތަކާއި ވެހިކަލްތަކާއި ފިހާރަތައް ހުރީ ފެނުގެ އަޑީގައި ކަމަށެވެ. ޗޫރަލްމަލާގެ މައި ބްރިޖް ވެސް ހަލާކުވެފައިވާ ކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ކެރެލާގައި ހިނގި ހާދިސާއާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށާއި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަންއާ ވާހަކަފުޅު ދައްކަވައިގެން ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުޅި އެ ސަރަހައްދުގައި މޫސުމީ ވާރޭ ވެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް