އަތަމާ އަބްދުއްލަތީފް، އިގުތިސާދަށް ޒަމާނާގުޅޭ ހެޔޮ ބަދަލުތައް ގެނެސްދެއްވި: ރައީސް

އަތަމާ ޢަބްދުއްލަޠީފްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި--

މިއަދު އަވަހާރަވި ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް)އަކީ ރާއްޖޭގެ އިގުތިސާދަށް ޒަމާނާ ގުޅޭ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަތަމާ އަބްދުއްލަތީފް، 94، އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަތަމާ ޢަބްދުއްލަޠީފް އަވަހާރަވީ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އަތަމާ ޢަބްދުއްލަޠީފަކީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާއި މިސްކިތް ބިނާކުރެއްވުމާއި ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަތަމާ ޢަބްދުއްލަޠީފަކީ ދަރުމަވެތި އެތައް ކަމެއް ގައުމަށް ކޮށްދެއްވައި، މުޖްތަމައުގެ އިޙުތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

"މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިން މަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާއި ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޢަބްދުއްލަޠީފަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހޭދަކުރެއްވުމުގައިއާއި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމަށެވެ.

މީގެއިތުރުން އޭނާއަކީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ގެއްލުނީ ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ.

https://sun.mv/194873

އަބްދުއްލަތީފް ހަތަރު ކައިވެންޏެއް ކުރެއްވިއިރު ނުވަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

comment ކޮމެންޓް