އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ

އަތަމާ އަބްދުއްލަތީފް: އަވަހާރަވީއިރު އުމުރުފުޅުން 94 އަހަރު ---

މަޝްހޫރު ވިޔަފާރިވެރިޔާ، މ.މެޑޯޒް، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)، 94، މިއަދު އަވަހާރަވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އަތަމާ އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ކަށުނަމާދާއި ޖަނާޒާގެ ތަފުސީލުތައް އަދި ނުލިބެއެވެ.

ތަފާތު ވިޔަފާރިތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވާފައިވާ އަބްދުއްލަތީފަކީ ދިވެހީން ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފަސޭހަކޮށް، ވަރަށް ގިނަ އަހަރުތަކެއް ވަންދެއް ދެއްވި ޚިދުމަތްތެރިއެކެވެ.

އަބްދުއްލަތީފަކީ ހިސާބަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުގައި ހިސާބު ޓީޗަރެއްގެ ވަޒީފާ އަދާ ކުރެއްވިއެވެ. ސަރުކާރުން މާލޭގައި ހިންގެވި މަޝްހޫރު ގައުމީ ހޮޓަލުގެ މެނޭޖަރުކަން ވެސް އަބްދުއްލަތީފު ވަނީ ކުރައްވައިފައެވެ.

އަބްދުއްލަތީފް އެންމެ ފުރަތަމަ އަމިއްލަ ވިޔަފާރިއެއް ފެއްޓެވީ ހާޑްވެއާގެ ސާމާނު ވިއްކެވުމުންނެވެ. އެއަށް ފަހު ހައްޖަށް މީހުން ގެންދިއުމާއި ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވެންނެވިއެވެ.

އަބްދުއްލަތީފް ވަނީ ވިޔަފާރީގެ ނަފާއިން މާލެ އާއި އަތޮޅުތެރޭގައި މިސްކިތްތަކެއް ވެސް ބިނާކޮށްދެއްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ ގައުމީ އިނާމް ވެސް ދެއްވައިފައެވެ.

އަބްދުއްލަތީފް ހަތަރު ކައިވެންޏެއް ކުރެއްވިއިރު ނުވަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

comment ކޮމެންޓް