އދ. މާމިނގިއްޔަށް ނިސްބަތްވާ އައިމިނަތު އަލީއާއި އޭނާގެ ތިން ދަރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުމިވީ އެތައް އަހަރެއް ފަހުންނެވެ. ހިތްހަމަ ޖެހުމުގެ އިހުސާސް އެތައް ދުވަހަކަށް ފަހު އެ އާއިލާއަށް ކުރެވިއްޖެއެވެ. ނަމަވެސް، މާޒީގައި އެ އާއިލާއަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
އައިމިނަތަށް ގިނަ ތަކުލީފުތަކާ ކުރިމަތިވިއެވެ. ތޭރަ އަހަރު ވަންދެން ކޮށްގެން އުޅުނު ކައިވެނީގައި އައިމިނަތަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާތަކާ ކުރިމަތިވިއެވެ. އެކަމަކު، ދަރިންގެ ހައްގުގައި، ކަށިން ހިތްވަރު ނެރެގެން އަނިޔާވެރިކަމުގެ ކޮށިން މިންޖުވިއެވެ.

އެ އާއިލާއަށް އަޅާދިން ގޭގެ ބަދިގެ ---- ފޮޓޯ/ މަމްސް އެއިޑް
އެ ދިރިއުޅުމުން ސަލާމަތްވެ، އާއިލާގެ ބުރަ ޒިންމާ ކޮނޑުގައި އެޅީ ގިނިކަންޏާއެވެ. ހައްލު ނުކުރެވޭ ގިނަ ކަންތައްތަކާ ދިމާވިއެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ބޯހިޔާވަހިކަމެވެ. ތިން ކުދިން ގޮވައިގެން ނިދުމަށް ބޭނުން ކުރަން ޖެހުނީ ބާވެ، ހަލާކުވެފައިވާ ބާލިސްތަކާ ގޮދަޑިއެކެވެ. ނިދާފައި އޮންނައިރު ވެސް، އެނދުމަތިން ކުރައްޕާއި އެހެނިހެން ދިރޭ ސޫފިތައް ދުވެއެވެ.

ކުރިން އެ އާއިލާ ދިރިއުޅުނު ގޮތް ---- ފޮޓޯ/ މަމްސް އެއިޑް
ފުރާޅު ހިޔާނުވާ އެގޭގައި، ސަތަރި ދަމައިގެން ގިނަ ދުވަސްތަކެއް ވަންދެން އައިމިނަތާއި އޭނާގެ ދަރިން އުޅުނެވެ. އެކަން ބަދަލުކޮށްލީ، މަމްސް އެއިޑުން އިސްނަގައިގެން ކުރިއަށް ގެންދިޔަ 'ހިޔާވަހި 2024'ގެ ކެންޕެއިންގެ ދަށުން އަޅާދިން ގެއަށް ބަދަލުވި ހިސާބުންނެވެ.
މާޗް 27ގައި އައިމިނަތުގެ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން މަމްސް އެއިޑުން ކެންޕޭން ލޯންޗުކުރިއެވެ. އެއަށްފަހު، ގެ އެޅުމަށް ސްނޯ ބިލްޑާސްއާ އެކު އެއްބަސްވުމެއް ހެދިއެވެ. އެއްބަސްވުން ހެދިތާ ހަ މަސް ތެރޭ ގޭގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިހާރު އެ އާއިލާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.
އެތައް ކަމެއް ތަހަންމަލް ކުރުމަށް ފަހު، މިއަދު އެ އާއިލާގެ މޫނު މައްޗަށް އުޖާލަކަން ގެނުވައިފިއެވެ. ރައްކާތެރިކަމުގެ ފޮނި މީރުކަން އިހުސާސް ކުރެއްވިއްޖެއެވެ. ދިރިއުޅޭނެ ގެއެއް ލިބުމުން އުފާވެފައި ހުރި އައިމިނަތު ބުނި ގޮތުގައި، ގެއަށް ވަދެވުމުން އޭނާއަށް ކުރެވެނީ ބުނެދޭން ނޭނގޭ އިހުސާސްތަކެކެވެ. ކުދިންގެ މޫނު މަތިން ފެނުނު އުފާވެރިކަމާއި ހިތްހަމެޖެހުމުން އޭނާގެ ހިތް އުފަލުން ފޮޅިއްޖެއެވެ.

އައިމިނަތު އަލީ -----
"ދުވަހަކު ވެސް ހިތަކަށް ނާރާ މިކަހަލަ ރީތި ތަނެއްގައި ދިރިއުޅުމުގެ ނަސީބު އަޅުގަނޑާ އަޅުގަނޑުގެ ކުދިންނަށް ލިބޭނެ ކަމަކަށް. އޭރު އަޅުގަނޑަށް ހަމަ ގުޅާފަ މަމްސް އެއިޑް ކުދިން މިކަހަލަ ނަސީބެއް ލިބުމުގެ ޚަބަރު ދިނުމުންވެސް އޭރަކު ވެސް އަދި ގަބޫލެއް ނުކުރެވޭ. އެކަމަކު މިއަދު ތަޅުދަނޑި ޖަހާފަ ވަތްތަނުން ބުނެދޭން ނޭނގޭ ގޮތަށް ކަންތައް ވެގެން ދިޔައީ،" އުފަލުން ފޮޅިފައި ހުރި އައިމިނަތު ކިޔައިދިނެވެ.
ހިތްހަމަޖެހުމާ އުފާވެރިކަމާއެކު، މަޖާ ކުރާނެ ގަނޑުވަރެއް އެ އާއިލާއަށް ލިބިއްޖެއެވެ. ގިނަ އަހަރުތަކެއް ހިތާމައިގައި ކަޑަތުކޮށް، މޫނުތަކަށް ހިނިތުުންވުން ވެރިކުރުވައިފިއެވެ.

އެ އާއިލާއަށް އަޅާދިން ގެ ---- ފޮޓޯ/ މަމްސް އެއިޑް
ދިރިއުޅުމުގެ މައިދާނުގައި މައިންނަށް ބޮޑެތި އަޑިގުޑަންތަކާ ދިމާވެއެވެ. ދަރިންގެ ހިމާޔަތުގައި ހުރެ، އައިމިނަތުގެ ދިރިއުޅުމަށް ކުރިމަތިވި ބޮޑެތި ރާޅުތައް ކުޑަކޮށް، އަމާން ތަނަކަށް ވާސިލްވެއްޖެއެވެ. އެ އާއިލާއަށް ހަދިޔާކުރި ގެއަކީ ގަނޑުވަރަކުން ލިބޭ އަރާމާ އެއްވަރުގެ ހިޔާވައްސަކަށް ވެއްޖެއެވެ. ތުރާލާ، ކުރިމަތިލައި، ހިތްހަމަޖެހުމުގެ އިހުސާސްތައް ކުރެވެން ފަށައިފިއެވެ.
"މިއަދު އަޅުގަނޑުގެ ތިން ކުދިންނާ އަޅުގަނޑަށް ލިބުނު އުފާވެރިކަމަށް މަމްސް އެއިޑްގެ ހުރިހާ ކުދިންނާއި އަޅުގަނޑަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާއޭ ދަންނަވާނީ. ދެން ހަމަ ވަރަށް ބައިވަރު މީހުންގެ އެހީތެރިކަމުން މިހާ ހިސާބަށް މި އާދެނުވީ" އޭނާ ކިޔައިދިނެވެ.
އޭނާއަށް މިއަދު ކުޑަ ނަމަވެސް ތަސައްލީއެއް ލިބިއްޖެއެވެ. އަނިޔާވެރި ކަމުގެ ހިޔަނިން ސަލާމަތްވެއްޖެއެވެ. މިއަދު އައިމިނަތުގެ ލޮލުން އޮހޮރެނީ، މިފަދަ ދިރިއުޅުމަކަށް ކުރި ދުއާ ހާސިލްވީތީ، އެކަމަށް މާތް ﷲއަށް ޝުކުރުކުރާތީ އޮހެރޭ އުފާވެރި ކަރުނައެވެ. ބިރުވެރިކަމުގެ އަނދިރިން ސަލާމަތްވެ، އުންމީދުތަކުގައި ކުލަޖެހިއްޖެއެވެ.