އަބަދު ބައި- އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ވޯޓްލުން ކުރިއަށް ދިޔަ ދުވަހެއް: އިރުއިރުކޮޅާ ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅައިފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަންޖެހޭތީ، އެ އިންތިޚާބުތައް ގާތްގާތުގައި ނުބާއްވާ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއުއެވެ. ހަމައެއާއެކު މި އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމް ވަނީ ހުށަހަޅުއްވާފައެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.

ނަމަވެސް މި އިސްލާހާއެކު އަންނާނެ ބަދަލަކީ، ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމެވެ.

ނަމަވެސް އެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމު ނޫން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އަދި ބައި-އިލެކްޝަނަކުން އެ މަގާމަށް އިންތިޚާބުކުރެވޭ ފަރާތަކަށް ކައުންސިލް ރައީސްގެ މަގާމުގައި ދެމިހުރެވޭނީ އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.

އެހެންނަމަވެސް އެ ހުސްވާ މަގާމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ނަމަ، 60 ދުވަހުގެ ތެރޭ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރަންޖެހެއެވެ.

މޭ 6، 2017ގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ސަބަބަކާ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންޖެހެއެވެ. އެހެން އޮތްނަމަވެސް އެ ތިން މަގާމު ހުސްވާއިރު، އެ ތިން ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެފައިވާނަމަ، އެ ތިން ކައުންސިލުގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުން ގެޒެޓުކުރާ ތާރީޚުން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

https://sun.mv/189147

ރާއްޖޭގައި ގާތްގާތުގައި އިންތިޚާބުތައް ބާއްވާތީ އެއީ ޚަރަދު ވެސް ބޮޑުވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

ބައި އިލެކްޝަންތަކަކީ ވެސް ރާއްޖޭގައި ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމެކެވެ. އަންހެނުންގެ ތަރައްގީއާއި ކައުންސިލްތަކުގެ މެންބަރުން އިސްތިއުފާ ދިނުން އާއްމު ކަމަކަށް މިވަނީ ވެފައެވެ. އަދި އެއް އިންތިޚާބީ މަގާމުގައި ހުރެފައި އެހެން ސިޔާސީ މަގާމުތަކަށް ދިއުމަށް ވެސް އެބަ އިސްތިއުފާ ދެއެވެ. ކައުންސިލަރު ކަމުން މަޖިލީހަށް ދިއުމަށާއި މަޖިލިސް މެންބަރުކަމުން މިނިސްޓަރު ކަމަށް ދިއުންފަދަ ކަންކަމަށެވެ.

މި މައްސަލައަށް ވެސް އޮތް އެންމެ ރަނގަޅު ހައްލަކީ އިންތިޚާބުތައް އެކުގައި ބޭއްވުން ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ހައްލަކަށް ވާނީ އެކި އަހަރު އެކި އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އިންތިޚާބުތައް އެއްކޮށް ބޭއްވުމެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ ހައްލަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

comment ކޮމެންޓް