އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ސީޒަންގައި ކުޅުނު ފަރަންސޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ރަފައެލް ވެރާން އިޓާލިއަން ސެރީއާއަށް އަލަށް ޕްރޮމޯޓްވި ކޯމޯއަށް ސޮއިކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާ އެކު ވެރާން ހަދާފައިވާ އެއްބަސްވުންވަނީ މިދިޔަ ސީޒަން ނިމުމާ އެކު ނިމުމަކަށް އައިސްފައެވެ. އެހެންކަމުން އޭނާ ކޯމޯއަށް ސޮއިކޮށްފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި ވެރާންވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ސޮއިކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ވޭތުވެދިޔަ ތިން އަހަރު ކުޅުމުގެ ކުރިން ވެރާންވަނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑާ އެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. މި ގޮތުން އޭނާވަނީ ރެއާލާ އެކު ލަލީގާގެ ތަށި ތިން ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އޭނާވަނީ 2018 ވަނަ އަހަރު ފަރަންސޭސި ޤައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕްގެ ތަށިވެ ސް އުފުލާލައިފައެވެ. އޭނާވަނީ ފަރަންސޭސި ޤައުމީ ޓީމަށް 93 މެޗު ކުޅެދީފައެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރެވެ.
އިޓާލިއަން ސެރީއާއިން ކޯމޯ ޖާގަހޯދާފައިމިވަނީ 21 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.
އެ ކްލަބުން ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކްލަބްގެ ކޯޗަކަށް ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި ޗެލްސީގެ އިތުރުން ސްޕެނިޝް ލަލީގާގެ އެފްސި ބާސެލޯނާއަށް ކުޅުނު ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ ސެސްކް ފެބްރިގާސް ހަމަޖައްސާފައެވެ.