އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ: މިނިސްޓަރު

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ: ވިދާޅުވީ އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ ކަމަށް-- ފޮޓޯ/ ސަން

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ނުވެގެން އެ އެޖެންސީއަށް އެއްވެސް ކަމެއް ނުވެފައެއް ނޯންނާނެ ކަމަށާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ދީފައިވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، އީޕީއޭ މިނިވަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި، އީޕީއޭއާއި މިނިސްޓްރީއާ އަބަދު ވެސް ކޮންމެ ވެސް ކަހަލަ ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުވަހުން ދުވަހަށް އީޕީއޭއިން ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓްރީގެ ނުފޫޒު ނުފޯރާނެ ކަމަށެވެ. އަދި، އީޕީއޭ ބާރުވެރި ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް މިނިސްޓްރީން ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުން އަދިވެސް ނުގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"...ޑޭޓުޑޭ ނަގަންޖެހޭ ޑިޒިޝަންތައް ނެގުމާ އެ ހުރިހާ ކަމެއް އެ ބޭފުޅުން އަމިއްލައަށް ކުރަނީ. އެހެންވީމައި އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވި މިދިޔަ ސަރުކާރުން އީޕީއޭ މިނިވަން ކުރުމަށް ވައުދުވީ ނަމަވެސް، އެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައި ނެތް ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު މަމްދޫހު ވިދާޅުވީ، ކުރީ ސަރުކާރުން އީޕީއޭ ބޭނުންކުރީ ސިޔާސީ ކަންކަމަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނުއިރުގައި މިކަމަށް އެއްވެސް މަސައްކަތެއް މަޖިލީހުގެ ތެރެއިން ވެސް ސަރުކާރުގެ ތެރެއިން ވެސް ކުރެވުނު ތަން ފެންނާކަށް ނެތް. އީޕީއޭ ބޭނުންކުރަމުން ދިޔައީ ޕްރޮޖެކްޓްތައް ހިންގަންވީމައި އީޕީއޭ ޕެރެލައިޒް ކޮށްލައިގެން ބޭނުންވާ ހުއްދަތަކެއްގެ ތެރެއިން ކަންކަން ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އީޕީއޭ މިނިވަން ކުރުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅޭ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އީޕީއޭ މާލީ ގޮތުން ފުދުންތެރިކޮށް، ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/192341

ފަނޑިޔާރު ސުއޫދު މިފަދައިން ވިދާޅުވީ، ބޯހިޔާވަހިކަމަށް ހިއްކާ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން އަންގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ބާތިލުކުރުމަށް ކުރި ހުކުމެއްގައި ދެއްވި ރައުޔުގައެވެ.

comment ކޮމެންޓް