ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން މަޖުބޫރުކޮށްފި

ފެހުރިއްސެއް -- ފޮޓޯ: ޓުވިޓާ

'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ' (ސަމްޕާ) ސަރަހައްދަށް ފެހުރިހި ބަލަންދާ އުޅަނދުތަކުން ޕްރޮފެލާ ގާޑު އަޅުވަން މަޖުބޫރުކޮށްފިއެވެ.

ކޮންމެ މޫސުމެއްގައި ވެސް އެ ސަރަހައްދަށް ފެހުރިހި އެއްވެ އުޅުމުގެ ސަބަބުން އެ މަންޒަރު ބެލުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ޒިޔާރަތްކުރެއެވެ. ނަމަވެސް، ޑައިވްކޮށްގެންނާއި ސްނޯކްލްކޮށްގެން ފެހުރިހި ބަލަން އުޅުމުގެ ތެރޭގައި އެ ސަރަހައްދަށް ޖަމާވާ ފެހުރިހީގެ 70 ޕަސެންޓަށްވަނީ، އުޅަނދުތަކުގެ ބުރަފަތިން ޖެހި ގެއްލުންވެފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު އާންމުކުރި ޕްލޭންގައިވާ ގޮތުން ފެހުރިހި ބަލަން 'ސަމްފާ' ސަރަހައްދަށްދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުންވަނީ މަޖުބޫރުކޮށްފައެވެ.

މި ގޮތުން ލޯންޗުތަކަށް ބުރަފަތީފައި ގާޑު އަޅުވަން ދީފައިވަނީ، މި ޕްލޭނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން މަސް ދުވަހެވެ. އެހެނިހެން އުޅަނދުތަކަށް ދީފައިވަނީ 12 މަސްދުވަހެވެ.

މިއަދުން ފެށިގެން ޕްލޭނަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

މީގެ އިތުރުން، މި ޕްލޭނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި، އެ ސަރަހައްދުގައި ސްނޯކްލް އަދި ޑައިވްކުރާ އުޅަނދުތަކުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގައި ރެޖިސްޓްރީކުރަން ވެސް މަޖުބޫރެވެ.

މި ޕްލޭންގައިވަނީ 'ސަމްޕާ' ސަރަހައްދުގައި އުޅަނދުތައް ހަރަކާތްތެރިވާއިރު، އޭގެ ބާރުމިން ބަހައްޓަންޖެހޭ މިންގަނޑު ވެސް ހިމަނައިފައެވެ. އެ ގޮތުން:

  • ސަމްޕާ މުޅި ސަރަހައްދުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު 10 ނޮޓަށް
  • ފެހުރިހިފަދަ ދިރުންތައް ވަށައިގެން 250 މީޓަރު ނުވަތަ ކޮންޓެކްޓް ޒޯނުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު ފަސް ނޮޓަށް
  • ފެހުރިހިފަދަ ބޮޑެތި ދިރުންތައް ވަށައިގެން 50 މީޓަރުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު ދެ ނޮޓަށް
  • ފެހުރިއްސާ 15 މީޓަރަށް ކައިރިވުމުން އުޅަނދުގެ ގިޔަރު ނިއުޓްރަލްއަށް ލާންޖެހޭނެ

ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިންނާއި ފަތުރުވެރިން އެ ސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ 'ސަމްޕާ ގައިޑުން'ނާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން ވެސް އަމަލުކުރަންޖެހޭ އުސޫލުތައް މި ޕްލޭންގައި ކަނޑައަޅާފައިވެއެވެ.

މި ގޮތުން 'ސަމްޕާ ގައިޑަކަށް' ވެވޭނީ އީޕީއޭއިން ދޫކުރާ 'ސަމްޕާ ގައިޑު' ސެޓްފިކެޓު ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ގޮތުން މި ޕްލޭނަށް އަމަލުކުރަން ފަށައިތާ ތިން މަސްދުވަހުން ފަހުން މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ވެސް 'ސަމްޕާ' ގައިޑުންނަށެވެ.

އެހެންކަމުން ތިން މަސްދުވަހުގެ ތެރޭގައި މައުލޫމާތު ދިނުމާއި ސެޓްފިކެޓުގެ އިމްތިހާން ހެދުމުގެ މަސައްކަތް މިނިސްޓްރީއާއި އީޕީއޭ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، މި ޕްލޭން އެކުލަވައިލީ މިދިޔަ ޖުލައި މަހުން ފެށިގެން ބޭއްވި އެކި މަޝްވަރާ ބައްދަލުވުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ގޮތުން، އަށް ބައްދަލުވުމެއްގައި 300އަށް ވުރެ ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް