ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިގަންނަން އެދި ޕީޖީން ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހަށް ވަޑައިގަންނަވަނީ: އާރަށު މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިގަންނަން ޕީޖީން ވަނީ އެދެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އާ ހެކި ބަލައިގަތުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ސުޕްރިމް ކޯޓުގައި އެދެފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު 25، 2022 ގައެވެ.

އެއަށް ފަހު ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމުގެ ތެރޭގައި ހިމެނޭ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ. މައްސަލަ އަލުން ދަށު ކޯޓުން ބަލަން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ޕީޖީން ބުނެފައިވަނީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށްވާނެ ކަމަށެވެ. އެހެންކަމުން އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށް ޕީޖީން ބުންޏެވެ.

އެހެންކަމުން އެ މައްސަލަ އަލުން ބަލައި، ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

މި އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވާނީ، އިސްވެ ދެންނެވުނު ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް

ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުލިބުމާ ގުޅިގެން އެ މަނިކުފާނުގެ އެދިލެއްވުމުގެ މަތިން ޔާމީން ގެކޮޅަށް ބަދަލުކުރުން: އާރަށު މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިގަންނަން ޕީޖީން ވަނީ އެދެފައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ޕީޖީން ބުނީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާނީ މައްސަލައިގެ ހެކިތަކާ ގުޅޭ ބައި އެކަނި ކަމަށެވެ. އަދި، މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދަށު ކޯޓަކުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމެއް މަތީ މަރުހަލާ ކޯޓަކުން ބާތިލުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

comment ކޮމެންޓް