އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާ އޭޝިއާއަށް މިހާރު ކުރަމުންދާ ޕްރީ ސީޒަން ޓުއާގައި ޖަޕާންގެ ޗެމްޕިއަން ވިސެލް ކޯބޭއާ ބައްދަލުކުރި މެޗުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުޅުނު މި މެޗު ސްޕާސްއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ.
މެޗުގެ ނުވަވަނަ މިނެޓްގައި ކޯބޭއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޫޔާ އޮސާކާއެވެ. ނަމަވެސް، މި ލީޑު އެ ޓީމަށް ހިފަހައްޓާލެވޭވަރުވީ ހަތް މިނެޓް ވަންދެނެވެ. މެޗުގެ 16 ވަނަ މިނެޓްގައި ޕެޑްރޯ ޕޯރޯވަނީ ޑެޔާން ކުލުސޭވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ފެށުން ރަނގަޅުވީ ފުރަތަމަ ހާފާ ހިލާފަށް ސްޕާސްގެއެވެ. މި ގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ސްޕާސްގެ ކެޕްޓަން ސޮން ހެއުން މިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު އެ ޓީމަށް ނަގައިދީފައެވެ. މެޗުގައި ކޯބޭގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޮން ޕެޓްރިކެވެ.
މެޗުން ސްޕާސް މޮޅުވި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އުމުރުން 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ މިކީ މޯއެވެ.
ޖަޕާނަށް ފަހު ސްޕާސް ދެން ދިއުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާއަށެވެ. ކޮރެއާއަށް ކުރާ ދަތުރުގައި ކޭ ލީގުގެ އޯލް ސްޓާ ޓީމަކާ ދެކޮޅަށް ސްޕާސްއިން އަންނަ ބުދަ ދުވަހު ކުރިމަތިލާނެއެވެ. އަދި، އެއަށް ފަހު އަންނަ މަހުގެ ތިންވަނަ ދުވަހު ޖަރުމަނު ބުންޑެސްލީގާގެ ބަޔޭން މިޔުނިކާ ދެކޮޅަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބައްދަލުކުރާނެއެވެ. ނަމަވެސް، މެޗުގައި ކުރިން ސްޕާސްއަށް ކުޅުނު އިންގްލަންޑްގެ ކެޕްޓަން ބަޔޭންއަކުން ނުފެންނާނެއެވެ.