މީހަކު ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 26 އަދި 35 އަހަރުގެ ދެ ދިވެހި ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މާލޭ މަގުމަތިން ފޯނެއް ފޭރުނު މައްސަލަ ވެސް އިއްޔެ ފުލުހުންނަށް ރިޕޯޓު ކުރިކަމަށް އެ އިދާރާއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރު ކުރަނީ ޒުވާނުންނާއި މެދު އުމުރުގެ ދިވެހި ފިރިހެނުންނެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މީހެއްގެ އައިފޯނެއް ގަދަކަމުން އަތުލައިގެން އެ ގެންގުޅުނު މީހަކު އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.