ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފި

ޕާކިސްތާން މީހަކު ގެނައި މަސްތުވާތަކެތި: އޭގެ މަގުމަތީ އަގު ދެ މިލިއަނަށް އަރާ -- ފޮޓޯ/ ކަސްޓަމްސް

މިދިޔަ ހަފުތާގައި ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި ފެނުނީ މިދިޔަ ބުދަ ދުވަހު އައި ޕާކިސްތާނުގެ ފަސިންޖަރެއްގެ ތަކެތިން ކަމަށެވެ. އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަ ބަރުދަނުގައި ޕެކިނާ އެއްކޮށް 2.12 ކިލޯގްރާމް އެތަކެތީގައި އެބަހުރި. މި ޕެސެންޖާގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދިއިރުގައި ރާއްޖެ އައިސްފައި ވަނީ އަބޫދާބީ މަގުން، އަބޫދާބީ މަގުން މާލެއަށް،" އޭނާ ވިދާޅުވިއެވެ.

"މިތަކެތީގެ މަގުމަތީ އަގަށް ބަލާނަމަ މިއީ 2،120،000 ރުފިޔާގެ ތަކެތި."

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ޓްރެފިކިން އިންވެސްޓިގޭޝަންގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު ވިދާޅުވީ އެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެނައި ޕާކިސްތާން މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެއީ އުމުރުން 25 އަހަރާއި 40 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ ދެ މީހުން ވެސް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތު ޖަހައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ޕާކިސްތާނުގެ މީހާއަށް ވެސް 15 ދުވަސް ޖަހައިފައިވާ ކަމަށް އަހުމަދު ވިދާލުވިއެވެ.

"ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ދިވެހިންގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރުގައި ތިބެ އަދި ދިވެހިރާއްޖެއަށް މަސްތުވާތަކެތޮ ފޮނުވުމުގައި ވެސް އަޅުގަނޑުމެންނަށް މައްސަލަތަކުގެ ތެރެއިން ތަހުގީގުތަކުގެ ތެރެއިން ފާހަގަކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ ދިވެހިންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ބަޔެއްގެ ތަހުގީގު ވެސް ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް މިހާރު ވެސް ތަހުގީގު ކުރިއަށްދާތީ އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު ދެެވެން ނެތް ކަމަށް އަހުމަދު ވިދާޅުވިއެވެ.

ދިވެހިން އަޑީގައި ތިބެގެން، ރާއްޖެއަށް ބިދޭސީން ލައްވައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން އެފަދަ ބައެއް މައްސަލަތަކުގައި އެއާޕޯޓު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައި ވެސްވެއެވެ.

comment ކޮމެންޓް