ލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 21ގައި

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 21 ގައި ބާއްވަން ވަނީ ހަމަޖެހިފައި -- ފޮޓޯ/އަލް ޖަޒީރާ

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 21 ގައި ބާއްވަން ނިންމައިފިއެވެ.

ލަންކާގެ އިންތިޚާބުތަކާބެހޭ އިދާރާގެ ޗެއާމަން އާރްއެމްއޭއެލް ރަތުނަޔަކަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސެޕްޓެމްބަރު 21 ގައި އިންތިޚާބު ބާއްވަން ނިންމީ، ހޮނިހިރު ދުވަހަކާ ދިމާވާތީ ކަމަށާއި އެއީ ގިނަ ބަޔަކަށް ވޯޓުލާން ދެވޭނެ ދުވަހަކަށް ވާތީ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އިދާރާއިން ވަނީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވައިލާފައެވެ.

މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް ރައީސް ރަނިލް ވިކްރަމަސިންހަ ހިމެނެއެވެ. ހަތްދިހަ ފަސް އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައިގައި އެ މަގާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރަނިލްއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރިން ޕާޓީގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަޖިތު ޕްރެމަދާސައެވެ. އޭނާ ވަނީ އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ޓެކްސްތައް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބާވީސް މިލިއަންގެ އާބާދީއެއް އޮންނަ ލަންކާގެ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރައީސް ކަމުގެ މަގާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އޭނާއާ އެ މަގާމު ހަވާލު ކޮށްފައި ވަނީ, 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްސަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް ލަންކާގެ ރައްޔިތުން ކުރި ބޮޑު މުޒާހަރާތަކާ ގުޅިގެން ގައުމު ދޫކޮށް ވަޑައިގެންނެވުމަށްފަހުއެވެ.

ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި, ވިކްރަމަސިންހަގެ ސަރުކާރުން ވަނީ، އިންފްލޭޝަން ރޭޓު ނުވަތަ ތަކެތީގެ އަގުތައް 70 އިންސައްތައަށް އުފުލިގެން ދިޔަ ދަނޑިވަޅެއްގައި އައިއެމްއެފްގެ އެހީތެރިކަމާ އެކު އިންފްލޭޝަން ރޭޓު 1.5 އިންސައްތައަށް ތިރިކޮށްފައެވެ.

ލަންކާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު 2.3 އިންސައްތައަށް ދަށްވެފައިވާއިރު، އިގްތިސާދީ ގޮތުން އެންމެ ބޮޑަށް އިނދަޖެހުނު ދަނޑިވަޅުގައި 7.3 އިންސައްތައަށް ދުވެލި ވަނީ ދަށްވެފައެވެ. ނަމަވެސް މިއަހަރު ނިމޭއިރު، އެ ގައުމުގެ އިގްތިސާދީ ދުވެލި ތިން އިންސައްތައަށް އަރާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް