ރާއްޖޭގެ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް އެއް ތަނަކުން ފެނިގެންދިޔަ "ތަރިންގެ ރޭ" އިިވެންޓް ބޮޑު ހިޓަކަށް ވެއްޖެއެވެ.
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާއާއި މަޝްހޫރު ފަންނާނު ޖާދުﷲ އިސްމާއީލް ފަދަ ފަންނާނުންތައް އިސްނަގައިގެން ބޭއްވި މި ޝޯ ވެގެން ދިޔައީ ރާއްޖޭގެ ފިލްމީ ފަންނާނުންގެ ބޮޑު އިވެންޓަކަށެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރަށް މައޫލޫމާތު ދެމުން މަޝްހޫރު ތަރި މަރިޔަމް އައްޒަ ފާހަގަކޮށްފައިވަނީ މި ފަހަރުގެ ތަރިންގެ ރޭ އިވެންޓުގައި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ 20 ވަރަކަށް ފަންނާނުން ފެނިގެން ގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި ފިލްމީ ދާއިރާގައި ދުވަސްވީ އަދި ދާއިރާއަށް އާ ފަންނާނުން ވެސް ހިމެނެއެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި މި އިވެންޓަކީ މާލޭގައި މިގޮތަށް ބޭއްވި ފުރަތަމަ އިވެންޓެވެ. އާންމުކޮށް ބޮޑެތި ބަންދުތަކާ ދިމާކޮށް އަތޮޅުތަކުގައި މިފަދަ އިވެންޓުތައް ބާއްވައެވެ. ނަމަވެސް މާލޭގައި އުޅޭ ރައްޔިތުން މިފަަދަ އިވެންޓެއް ބޭއްވުމަށް އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
އިވެންޓާ ގުޅޭގޮތުން މައުލޫމާތު ދެމުން އައްޒަ ބުނީ ރޭގެ އިވެންޓުވީ ހީކުރި ވަރަށް ވުރެ ބޮޑު ހިޓަކަށް ކަމަށެވެ.
އަތޮޅުތަކުގެ އޯޑިއަންސް އާއި މާލޭގެ އޯޑިއަންސް ތަފާތު ކަމަށް ހީކުރެވުން ނަމަވެސް އާންމުންގެ ތެރެއިން ލިބުނީ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއްކަން އައްޒަ ފާހަގަކުރިއެވެ. އިވެންޓު ނިމުނީ އާންމުންގެ ބައިވެރިވުމާ އެކު ވަރަށް ފޯރިގަދަކޮށެވެ.
މި އިވެންޓުގެ ތަރުހީބާއެކު އިތުރު އިވެންޓުތަކެއް ވެސް މާލޭގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަން އައްޒަ ވަނީ ފާހަގަކޮށްފައެވެ.
ތަރިންގެ ރޭގެ އިވެންޓުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ދެ ޝޯއެކެވެ. އެއީ ރޭގެ ޝޯއާއި މިރޭގެ ޝޯއެވެ. ނަމަވެސް އޮލިމްޕަސް ނުލިބުމާ ގުޅިގެން އެންމެ ފަހުން ނިންމީ އެއް ޝޯ ދިނުމަށެވެ. އެއީ ރޭގެ ޝޯއެވެ.
މި ޝޯއަށް ދިޔަ އާންމުންގެ ފަރާތުން ވެސް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ރިވިއު ތަކެވެ. އާންމުންގެ ގިނަ ބަޔަކަށް މި ޝޯގެ ހުރިހާ ހުށަހެޅުންތަކެއް ވެސް ކަމުދިޔައެވެ. ނަމަވެސް އޭގެތެރެއިން ވެސް ވާޝިޔާ ފާހަގަކޮށްލެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.