އަންނަ އަހަރު ރާއްޖޭގެ ފިލްމު ފެސްޓިވަލެއް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމަންސިން އާޓްސް (އެމްއެސްޕީއޭ) އިން ނިންމައިފިއެވެ.
އެ ފެސްޓިވަލުގެ މައުލޫމާތު ހިއްސާކުރުމަށް 'އެސްއެސްޓީވީއަށް' ދިން އިންޓަވިއުއެއްގައި ފިލްމް ޕްރޮޑިއުސަރު މުހައްމަދު ރަޝީދު (ދަރާ) ބުނީ، އެމްއެސްޕީއޭއިން އެކަމަށް ވިސްނަމުން އަންނަތާ ދެ ތިން އަހަރު ވެފައިވާ ކަމަށާއި އެ ފެސްޓިވަލްގެ ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެ ފެސްޓިވަލަށް ޖުމުލަ 10 ފިލްމެއް ގެންދާނެ ކަމަށާއި އޭގެތެރޭގައި ފީޗާ ހަ ފިލްމާއި ކުރު ހަތަރު ފިލްމު ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އެއީ މިހާތަނަށް އުފައްދާފައި ހުރި ފިލްމުތަކުގެ ތެރެއިން ނަގާ ދިހަ ފިލްމެކެވެ.
އެ ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރުމަށް 40 އާއި 45 މެންބަރުންގެ ޓީމެއް ދާނެ ކަމަށާއި އޭގެތެރޭގައި މިއުޒިޝަނުންނާއި ފިލްމު އިންޑަސްޓްރީގެ މެންބަރުންނާއި މީޑިއާ ހިމެނޭ ކަމަށް ރަޝީދު ބުނެފައިވެއެވެ.

ދަރާ ރަޝީދު: އަންނަ އަހަރު ރާއްޖޭގެ ފިލްމު ފެސްޓިވަލެއް ބެންގަލޫރުގައި ބާއްވަނީ --- ސަން ފޮޓޯ
ނަމަވެސް، އެ ފެސްޓިވަލަށް ދާނެ ތާރީޚެއް އަދި ނުނިންމާ ކަމަށް އޭނާ ބުނެއެވެ.
ދަރާ ވަނީ މި އަންނަ އަހަރު ކުރަން ރާވާފައިވާ ބައެއް ކަންތައްތައް ހިއްސާކޮށްފައެވެ. އެގޮތުން، އަންނަ މަހު 10ގައި އެކްޓިން ވޯކްޝޮޕެއް ބާއްވާނެ ކަމަށާއި އިތުރު އެހެން ވޯކްޝޮޕްތަކެއް އަންނަ އަހަރު ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.
"ވޯކްޝޯޕް ތެރޭގައި އެބަ އުޅޭ ކޮރިއަ ގްރާފް ވޯކްޝޮޕެއް. އަދި އެޑިޓިން ވޯކްޝޮޕެއް އެބަ އުޅޭ. ދެން ސްކްރީން ރައިޓިން ވޯކްޝޮޕެއް ވެސް ރާވާފައި މިއޮތީ، އެހެންވީމާ ޓޯޓަލް މުޅި އަހަރު ތެރޭ ހަތަރު ވޯކްޝޮޕެއް ޕްލޭން ކޮށްފައި މި އޮތީ," ރަޝީދު ބުނެއެވެ.
އަދި، އެމްއެސްޕީއޭގެ ދެވަނަ ފިލްމު އެވޯޑް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރަޝީދު ބުނެފައިވެއެވެ.