މުޒާހަރާކުރި ބިދޭސީން ޑީޕޯޓުކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

ގދ. ތިނަދޫ: ތިނަދޫގައި މުޒާހަރާކުރި ބިދޭސީންރަން ޑީޕޯޓްކުރަން ނިންމުމުން ޓްރާސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/ ސްޓޫޑިއޯ 33

މިދިޔަ ހަފުތާގައި ގދ. ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރީން ހައްޔަރުކޮށް، ޑީޕޯޓުކުރަން ހޯމް މިނިސްޓްރީން ނިންމުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޒާހަރާއެއް ކޮށްފައެވެ. މި މުޒާހާރާއަކީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ކުރި މުޒާހާރާއެކެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 20 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ޖަމިއްޔާ ހެދުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި، މި ހައްގުތަކަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ވެސް ލިބިފައިވާ ހައްގުތަކެއް ކަމަށާއި ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ދައުލަތުގެ ހުއްދައެއް ހޯދުމަކައިނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ ކަމަށެވެ.

އެ ބަޔާނުގައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ހޯމް މިނިސްޓަރު އަލީ އިޙްސާން ނޫހަކަށް އިންޓަވިއު ދެއްވާ ބިދޭސީން "ސިޔާސީ ހަރަކާތް"ތަކުގައި ބައިވެރިވުމަކީ ވިސާއާ ޚިލާފު އަމަލެއް ކަމަށް ބުނެ އަނބުރާ ގައުމަށް ފޮނުވާލަން ޖެހޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޓްރާންސްޕޭރެންސީން ވަނީ ރައްޖޭގެ ގަނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނިގުޅައިގަންނަ ގޮތަށް ވިސާގެ ޝަރުތެއް ކަނޑައެޅުމަކީ ގޫނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.

އަދި، މަސައްކަތްތެރީންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅާ މިފަދަ ހަނިކުރުންތައް ބޭނުންކޮށްގެން ރާޢްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ޚިލާފު ނުވާހާ ހިނދަކު ރާޢްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް، ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލުމަކީ ޓްރާންސްޕޭރެންސީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

https://sun.mv/194748

އެ ޖަމިއްޔާއިން ވަނީ ބިދޭސީން އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށާއި އެ ހައްގު ބޭނުން ކުރުމުން ޑީޕޯޓުކުރަން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

ބަންގަލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ތިބި ބިދޭސީންތަކެއް މުޒާހަރާ ކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އެ މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވި ބިދޭސީން ބަންދުކޮށް ޑީޕޯޓިކުރުމަށް ހޯމް މިނިސްޓްރީން ނިންމާއިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

comment ކޮމެންޓް