ސިޓީއެއްގެ ދަރަޖަ ނުދެނީސް، ތިނަދޫ މޭޔަރާއި ކައުންސިލަރުން ބޮޑު މުސާރަ ނެގިކަމަށްބުނެ މައްސަލައެއް

ތިނަދޫ ސިޓީ ކައުންސިލު --

ސިޓީ ކައުންސިލަކަށް, ބަދަލު ނުވަނީސް ތިނަދޫގެ މޭޔަރާއި ކައުންސިލަރުން، ސިޓީއެއްގެ ދަރަޖައިގައި ހިމެނޭ ކައުންސިލެއްގެ މުސާރަ ނެގިކަމަށް ބުނެ މައްސަލައެއް ލޯކަލް ގަވަމެންޓް އޮތޯރެޓީ އެލްޖީއޭއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ މި ސަރުކާރުން ވަކިކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، ގާނޫނީ ވަކީލް އަހްމަދު ރާގިބެވެ.

ރާގިބް ވަނީ އެއީ ގާނޫނުތަކާއި ޚިލާފަށް ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މާލީ މަންފާއެއް ހޯދުމުގެ އަމަލެއްކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެލްޖީއޭއިން ރާގިބަށް ފޮނުވި ޖަވާބުގައިވަނީ ރާގިބް ފާހަގަކުރެއްވި ކަންކަަމަކީ ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކުރެވޭ ކަންކަންކަމަށެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަައިފިނަމަ އެ ކޮމިޝަނުން ތަހުގީގު ކުރާނޭ މައްސަލައެއް ކަމަށް ވަނީ ބުނެފައެވެ.

އެއާއެކު އެލްޖީއޭއިން އެދުނީ އެ މައްސަލަ ފުލުހަށާއި، އޭސީސީއަށް ހުށަހެޅުމަށެވެ.

އަދި އެ އިދާރާތަކުން މައްސަލަ ބަލާ، އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ފާހަގަކޮށްފިނަމަ އެ ކަމަކަށް، އެ އޮތޯރިޓީއިން އެ ބަލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ދެއްވި ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، ހައިކޯޓަށް ރާގިބް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމައިފައިއެވެ.

comment ކޮމެންޓް