ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯދައިދޭނަން: ރައީސް

ރައީސް ދަރިވަރުންނާ ބައްދަލުކުރެއްވުން: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ އެހީގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނުވަ ނަންބަރު ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން ޔޫކޭ (އެމްއެސްއޭ ޔޫކޭ) އާ އަލުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދަރިވަރުން ތިބޭއިރު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެއްވާފައެވެ. އެގޮތުން ކޮންމެ ގައުމެއްގައި ކިޔެވި ނަމަވެސް ދިވެހި ދަރިވަރެއް ނަމަ ސަރުކާރުން ސަމާލުކަން ދޭންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްކޯލާޝިޕްގައި އައިސްތިބި ކުދީން، ލޯން ނަގައިގެން އައިސްތިބި ކުދީން، އަދި އަމިއްލަ ޚަރަދުގަ އައިސް ތިއްބަސް ސަރުކާރުގެ ތެރެއިން ކަމެއް ކޮށްދިނުމުގަ އަދި ނުވެއޮތް ކަމެއް ނަމަވެސް އެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން ސަރުކާރުގެ ނިޒާމުގެ ތެރެއިން

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކަންކަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ބައްލަވާ ކަމަށެވެ. އަދި ފައިސާ ދޫކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ދިމާވި މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް މިހާރު ކޮށްފައި ވާނެކަން އެމަނިކުފާނު ވާނީ ފާހަގަކުރައްވާފައެވެ.

"ވަރަށް ޖެނުއިން ކޮންސާނެއް، ސަރުކާރުގެ ކަމާބެހޭ އިދާރާގެ ރެސްޕޯންސް ދަށްވުމާއި މި ކަންކަން. އީމެއިލްއަށް ޖަވާބުދިނުން ލަސްވުން ކަހަލަ ކަންކަން. އެކަންކަން ވަރަށް ހަމަ އަޅުގަނޑު އެޑްރެސް ކުރާނަން ނިިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއްމީ. އެ ކަންކަން އިރާދަކުރެއްވީއްޔާ ރަނގަޅުކޮށް އެފިޝެންޓްކޮށްދީ، ފަސޭހަތައް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ދަރިވަރުންނާ ބައްދަލުކުރެއްވުން: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ ވީހާވެސް އަވަހަށް މެއިލްތަކަށް ޖަވާބުދާރީވުމާއި ފައިސާ ޖަމާކުރަން ޖެހޭ މުއްދަތުގައި ފައިސާ ޖަމާ ކުރުން ފަދަ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. އެ ދަރިވަރުންނަށް އެ ކަންކަމުގެ މުހިންމުކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި ފައިސާ ނުލިބުމުން ދިމާވާނެ ދަތިތައް އިހުސާސްކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތި ކުދީންގެ ޝޫޒްގައި އަޅުގަނޑު މީގެ އަހަރުތަކެއް ކުރީން ހުރިން. އެހެންވީމަ އެނގޭ، އެ ކަންކަން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިނގިރޭސިވިލާތައް ކުރެއްވި ޒިޔާރަތުގައި ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި އެ ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން ބޭރުގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ލިބުން ލަސްވުމާއި، އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލުކުރުމުން ޖަވާބު ނުލިބޭ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ އިތުރުވެފައެވެ. އެގޮތުން ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅޭ ގޮތުން އެ ދަރިވަރުން ފެބްރުވަރީ މަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ނަމަަވެސް، ގިނަ ދުވަސްތަކެއްވީއިރު ވެސް ޖަވާބު ނުދިން މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވިއެވެ.

އެ ސިޓީގައިވަނީ، ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދުގެ މައްސަލައާއި ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދު ކުރަން ޖެހޭ މައްސަލައާއި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވާ މައްސަލަ ފާހަގަކޮށްފައެވެ.

https://sun.mv/203906

އެ މައްސަލައިގައި ހަޔާ އެޑިއުކޭޝަން ޖަވާބެއް ދިނީ މަހެއްހާ ދުވަސް ފަހުންނެވެ. އެ ސިޓީގައި ވެސް، ދަރިވަރުންނަށް ފައިސާ ދެވޭނެ މުއްދަތަކާއި މައްސަލައަށް ހައްލެއް ހޯދައިދެވޭނެ ގޮތެއް ބުނެދީފައިނުވާ ކަމުގެ ކަންބޮޑުވުން ދަރިވަރުން ފާޅުކުރިއެވެ.

comment ކޮމެންޓް