ލިވަޕޫލާއެކު ކެމްޕެއިން ފެށުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި: ރާއްޖެއިން ވަނީ ލިވަޕޫލާއެކު ތާރީޚީ ކެމްޕެއިނެއް ފަށައިފައި -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިނާއެކު ބުދަ ދުވަހުގެ ރޭ ބޭއްވި ފުޓުބޯޅަ މެޗު ބައްލަވާލައްވައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވާޓަން އާއި ލިވާޕޫލް ފުޓްބޯލް ކްލަބް އެލްއެފްސީ ބައްދަލުކުރި އެ މެޗުގައި ވަނީ، އެމްއެމްޕީއާރްސީ އާއި އެލްއެފްސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.

އެ ކެމްޕޭނު ލޯންޗު ކުރުމާއެކު ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑުގެ ވަށައިގެން ޖަހާފައިވާ ލެޑު ބޯޑުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިސްތިހާރުތައް ވަނީ ދައްކައިފައެވެ.

އެމްއެމްޕީއާރްސީން ވަނީ، 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ރައީސް އިނގިރޭސިވިލާތުގައި: އެ މަނިކުފާނު ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ފުޓްބޯލް ފޯ ޕީސްގެ އޮފިޝަލުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔުނިވާސިޓީ އޮފް ލީޑްސްއަށް ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވާސިޓީގެ އިސްވެރިންނާއި، ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލީސް މެންބަރާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ލޯޑް މޭޔާ އޮފް ލީޑްސްއާއި، ވެސްޓް ޔޯކްޝަޔާގެ މޭޔަރާވެސް ބައްދަލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.

ރައީސް ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި ދިރާސީ މަސައްކަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

https://sun.mv/204415

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ނަމްބަރު 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ ޔޫކޭ)ގެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

އެ އިމާރާތަކީ ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް ނަމަވެސް މި ފަހުން އެ ތަން ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ.

https://sun.mv/204402

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢުއާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް