މައިކްރޯސޮފްޓުން އޭއައި ރިއަލްޓައިމް ތަރުޖަމާ ފީޗާ ޓެސްޓްކުރަން ފަށައިފި

މައިކްރޯސޮފްޓް ކޯޕައިލެޓް ޕްލަސް --

މައިކްރޯސޮފްޓުން އޭއެމްޑީ އަދި އިންޓެލް ޗިޕްސެޓްތަކުން ރަންކުރާ ކޯޕައިލެޓް+ ޕީސީތަކުގައި ލައިވް ކެޕްޝަންސްއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރިއަލްޓައިމް ތަރުޖަމާ ފީޗާއެެއް ޓެސްޓްކުރަން ފަށައިފިއެވެ.

ބުދަ ދުވަހު އިޢުލާންކުރި މި އައު ފީޗާ ވިންޑޯސް 11 އިންސައިޑާ ޕްރިވިއު ބިލްޑްގެ އެންމެ ފަހުގެ ވަރޝަންގައި ޕްރިވިއުކުރެވެމުންދާކަމަށް ބުނެފައިވެއެވެ. އަދި މިއީ ޑެވް ޗެނަލް މެދުވެރިކޮށް ލިބެން ހުރި ފީޗާެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ސްނެޕްޑްރެގަން-ޕަވަރޑް ކޯޕައިލެޓް+ ޕީސީތަކުގައި ރިއަލްޓައިމް ތަރުޖަމާ ފީޗާއަަށް އިތުރު ރަނގަޅުކުރުންތަކެއް ގެނެސްފައިވާކަމަށްވެސް މައިކްރޯސޮފްޓުން ބުނެފައިވެއެވެ. އަދި މިއަހަރުގެ ކުރީކޮޅު ޕްރިވިއުގެ ގޮތުގައި ނެރުނު ރިކޯލް ފީޗާއަށް ވެސް ބައެއް ބަގް ފިކްސްތައް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

ވިންޑޯސް ބްލޮގް ޕޯސްޓެއްގައި މި އައު އޭއައި ފީޗާ ވިންޑޯސް 11 އިންސައިޑާ ޕްރިވިއު ބިލްޑް 26120.2705 (KB5050636) އާއެކު ޑެވް ޗެނަލްއަށް ދޫކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން މައިކްރޯސޮފްޓުން ސްނެޕްޑްރެގަން-ޕަވާޑް ކޯޕައިލެޓް+ ޕީސީތަކުގައި ލައިވް ކެޕްޝަންސްއަށް ރިއަލްޓައިމް ތަރުޖަމާ ތަޢާރަފުކޮށްފައިވީ ނަމަވެސް، އޭއެމްޑީ އަދި އިންޓެލް-ޕަވާޑް ޗިޕް ސެޓްތަކުގައި މި ފީޗާ ލިބެން ނެތެވެ.

މި އަޕްޑޭޓާއެކު، ހޮވާލެވޭ ބައެއް ޔޫސަރުންނަށް މި ފީޗާ ޓެސްޓްކޮށް، ކުންފުންޏަށް ފީޑްބެކް ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިއަލްޓައިމް ތަރުޖަމާއިން 44 އަށްވުރެ ގިނަ ބަސްތަކުން އިނގިރޭސި ބަހަށް އޯޑިއޯ ތަރުޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ތަރުޖަމާކުރެވޭ އޯޑިއޯ ސްކްރީނުގެ ތިރީގައި ސަބްޓައިޓަލްގެ ގޮތުގައި ފެންނަން ހުންނާނެއެވެ.

މި ފީޗާއިން ވީޑިއޯ ކޯލްތަކާއި، ރެކޯޑިންތަކާއި، އަދި ސްޓްރީމްކުރެވޭ ކޮންޓެންޓްގެ ރިއަލްޓައިމް ތަރުޖަމާ ފޯރުކޮށްދެވޭނެއެވެ. މިކަމަށް މައިކްރޯސޮފްޓްގެ ކޯޕައިލެޓް އަދި ނޭޓިވް ލާޖް ލޭންގުއޭޖް މޮޑެލްތައް ބޭނުންކުރެވޭނެއެވެ.

މި ފީޗާ ބޭނުންކުރުމަށް ޓަކައި، ޔޫސަރުން އެމީހުންގެ ޑިވައިސްގެ ބަހަކަށް އިނގިރޭސި ބަސް ސެޓްކުރަން ޖެހޭނެއެވެ. މި ފީޗާއިން ގިނަ ބަސްތަކުން އޯޑިއޯ ތަރުޖަމާކުރެވޭނެ ނަމަވެސް، އިނގިރޭސި ބަހުން އެހެން ބަސްތަކަށް ތަރުޖަމާއެއް ނުކުރެވޭނެއެވެ.

ސްނެޕްޑްރެގަން-ޕަވަރޑް ކޯޕައިލެޓް+ ޕީސީތަކުގައި ވެސް މި ފީޗާއަަށް ރަނގަޅުކުރުންތަކެއް ގެނެސްފައިވެއެވެ. ރިއަލްޓައިމް ތަރުޖަމާ ފީޗާއިން މިހާރު ޗައިނީސް (ސިމްޕްލިފައިޑް) ބަހަށް އޯޑިއޯ ތަރުޖަމާކުރެވޭނެއެވެ.

މީގެ އިތުރުން، މި ފީޗާއިން ޢަރަބި، ބަލްގޭރިއަން، ޗެކް، ޑެނިޝް، ޖަރުމަން، ގްރީކް، އިނގިރޭސި، ސްޕެނިޝް، އެސްޓޯނިއަން، ފިނިޝް، ފްރެންޗް، ހިންދީ، ހަންގޭރިއަން، އިޓަލިއަން، ޖަޕަނީސް، ކޮރެއަން، ލިތުއޭނިއަން، ނޯވީޖިއަން، ޑަޗް، ޕޮލިޝް، ޕޯޗުގީޒް، ރޮމޭނިއަން، ރަޝިއަން، ސްލޮވާކް، ސްލޮވީން، އަދި ސުވީޑިޝް ބަސްތަކުން ތަރުޖަމާކުރުމަށް ސަޕޯޓްކުރާނެއެވެ.

comment ކޮމެންޓް