ސިނަމާލެ ބުރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ޓޯލް ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތު ނޫން ކަމަށާއި އަމުދުން މި ހާލަތުގައި އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން 'މާލެ ފެހި' ނަމުގައި ރޭ އިފުތިތާހުކުރި ޕްލޭންގެ ދަށުން ބުރިޖުން ދަތުރުކުރާ މީހުންގެ އަތުން ޓޯލް ފީއެއް ނެގުމާ މެދު ދިރާސާއެއް ހަދަން ވަނީ ހިމަނައިފައެވެ.
އެ ދިރާސާގެ ވާހަކަ އާންމުވުމާ އެކު ބުރިޖުން ޓޯލް ފީއެއް ނެގުމާ މެދު ނުރުހުން ފާޅުކޮށް، އާންމުންގެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބުރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި، ރޭ އިއުލާނުކުރި 'މާލެ ފެހި' ޕްލޭންގައި ޓޯލް ނެގުމާ މެދު ދިރާސާއެއް ކުރަން ހިމަނާފައިވަނީ ފަންނީ ލެވެލެއްގައި އެ ކަމުގައި އެ މަނިކުފާނަށް ލަފާއަރުވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ޙައްލުވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤުތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެކަމުގެ ޔަޤީންކަން އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ، ސިނަމާލެ ބުރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާތައް ފަށަނީ ދެމެހެއްޓެނިިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓުމަށް ކަމަށެވެ. އަދި، ޓޯލް ފީ ކަނޑައަޅާނީ ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
"...ބުރިޖާއި ހައިވޭ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ،" މިނިސްޓްރީން ބުންޏެވެ.
ރޭ އިފުތިތާހު ކުރި މާލެ ފަހި ޕްލޭންގެ ދަށުން މާލޭސިޓީ ކައުންސިލުން ވަނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ. އަދި، ރެޖިސްޓްރޭޝަން ޑޭޓާ ބެލެހެއްޓުމަށް ބޭނުންކުރާ މެޓްރިސް ސިސްޓަމް ރިޕްލޭސް ކުރުމާއި އޮންލައިން ސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތަކީ ވެސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ.