ސްކޭމް ކޯލް ހުއްޓުވާ އެންޓެނާއިން ޖަލު ގޮޅިތަކަށް ރޭންޖު އިތުރުވެއްޖެ؛ ހުއްޓުވަން މަޝްވަރާކުރަނީ

ކަރެކްޝަންސްގެ އޮފިސަރުންތަކެއް: ސްކޭމް ކޯލް ހުއްޓުވާ އެންޓެނާއިން ޖަލު ގޮޅިތަކަށް ރޭންޖު އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައި -- ފޮޓޯ/ ކަރެކްޝަންސް

ކ. މާފުށީ ޖަލުން ގައިދީން ސްކޭމް ކުރުމަށް ޓަކައި ކުރާ ފޯންކޯލްތައް ދެނެގަނެ، ހުއްޓުވުމަށް ޓަކައި ހަރުކުރި އެންޓެނާއިން ޖަލުގެ އިތުރު ގޮޅިތަކަށް ރޭންޖު ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.

ސްކޭމްގެ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރު ފާސްކުރި ރިޕޯޓުގައި ދީފައިވާ ލަފަޔަށް އަމަލުކުރާ މިންވަރު ބެލުމަށް މިއަދު އެ ކޮމިޓީއަށް ވަނީ ބީއެމްއެލްއާއި އެމްއެމްއޭއާއެކު ކަރެކްޝަނަލް ސާވިސް ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި، ޖަލުން ސްކޭމް ކޯލް ކުރުން ހުއްޓުވުމަށް ޖޭމަރު ހަރުކުރުމާ ގުޅޭ ގޮތުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ އެ މަސައްކަތާ ގުޅޭ ގޮތުން ކަރެކްޝަންސްއިން ފުލުހުންނާއި މުވާސަލާތީ ކުންފުނިތަކާ ބައްދަލުކޮށް އެންޓެނާއެއް ހަރުކުރި ކަމަށެވެ.

އެއަށްފަހު ޖަލުން ކުރާ ކޯލްތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމުގެ މަސައްކަތް ފައްޓާ ހިސާބަށް ދިޔައުމުން، ގާނޫނީ ހުރަސްތަކަކާ ހެދި، އެންޓެނާއިން ފާހަގަވާ ހުރިހާ ނަމްބަރުތަކެއްގެ ވެރިފިކޭޝަން ޕޮލިހުންނަށް ދޭން އުނދަގޫވާ ކަމަށް ދިރާގާއި އުރީދޫއިން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ އެންޓެނާ ޖެހުމުގެ ސަބަބުން، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކުރީގައި ޖަލު ތެރެއަށް ރޭންޖް ނުލިބޭ ބައެއް ގޮޅިތަކަށް މިހާރު ރޭންޖު ލިބޭ. އެހެންވީމަ މިހާރު ބޮޑަށް އެންޓެނާ ހިޓްވާ ނަމްބަރުތަކުގެ މައުލޫމާތު ލިބޭތޯ އެނގޭނީ ޕޮލިހުންނަށް،" އިބްރާހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަރެކްޝަންސްގެ ހުރިހާ މުވައްޒަފުންގެ ނަމްބަރުތައް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އެހެންވެ، މުވައްޒަފުންގެ ކޯލްތައް ވަކިކުރަން ފުލުހުންނަށް އެނގޭނެ ކަމަށެވެ. ނަމަވެސް އެ އެންޓެނާގެ އެކަށީގެންވާ ބޭނުން ނުހިފޭ ނަމަ، އެފަދަ އެންޓެނާއެއް ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

"އޭގެ އެކަށީގެންވާ ބޭނުމެއް ނުކުރެވޭ ކަމަށްވާނަމަ ބައެއްގެ ވިޔަފާރި ފުޅާ ކުރުމަށްޓަކައި އަޅުގަނޑުމެން އެންޓެނާއެއް ބެހެއްޓުމުގެ ބޭނުމެއް ނެތް، އެހެންވީމަ އެކަންތައް ހުއްޓާލުމަށްޓަކައި މިހާރު މަޝްވަރާ ކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް, ޖަލުގައި ޖޭމަރުތައް ހަރުކުރި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުފެންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު، އޭރުގެ ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވަނީ ޖޭމަރުގެ ސަބަބުން ޖަލު ވަށައިގެން ދިރިއުޅޭ އާންމު ރައްޔިތުންނަށާއި، ކައިރި ރަށްތަކާއި ރިސޯޓުތަކަށް ނެޓްވޯކް ޖޭމްވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/170497

މީގެ ކުރިން ހޯމް މިނިސްޓްރީން ވަނީ، އޮޅުވާލައިގެން ފައިސާ ހޯދަން އެންމެ ގިނަ ސްކޭމް ކޯލް ކުރަނީ ޖަލުން ކަމަށް ބުނެފައެވެ. އަދި ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ޓަކައި، ފުލުހުންނާއި ސިފައިންނާ ގުޅިގެން ކަރެކްޝަންސްއިން ޚާއްސަ އޮޕަރޭޝަނެއް މިދިޔަ މަހު ފަށައިފައިވެއެވެ.

މީގެ އިތުރުން، ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ މައްސަލައިގައި 13 އޮފިސަރަކު ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް