ޖަލުތަކުގައި ޖޭމަރު ހަރުކުރުމުގެ ނަތީޖާ ނުފެނޭ، ދަތިވަނީ އާންމުންނަށް: ޕްރިޒަން ކޮމިޝަނަރު

ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/

ޖަލުތަކުން ކުށްވެރިން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޓަކައި ޖަލުގައި ޖޭމަރުތައް ހަރުކުރި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުފެންނަ ކަމަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުންނާއި ކަރެކްޝަނުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އަހްމަދު ވިދާޅުވީ ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތްކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ޓަކައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ އަހްމަދު ވިދާޅުވީ މީގެ ކުރިން ވެސް ޖަލުތަކަށް ވަގަށް ފޯނު ވައްދައިގެން ގުޅާ މައްސަލަ ހުއްޓުވަން ޖަލުތަކުގައި ޖޭމަރު ހަރުކޮށްފައި ހުންނާނެކަމަށެވެ.

"އެހެންނަމަވެސް އޭގެ ނަތީޖާ ނުނިކުންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އޭގެ ސަބަބުން ޖަލު ވަށައިގެން ދިރިއުޅޭ އާންމު ރައްޔިތުންނަށާއި، ކައިރި ރަށްތަކާއި ރިސޯޓުތަކަށް ނެޓްވޯކް ޖޭމްވާ މައްސަލަ ފާހަގަކުރެވިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު ވާހަކަ ދައްކާފައިވާކަމަށް ވެސް ސީޕީ އަހްމަދު ވިދާޅުވިއެވެ. އެގޮތުން ނެޓްވޯކް ޚިދުމަތްދޭ ފަރާތްތަކާއި ފުލުހުންނާ މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މާފުށީ ޖަލުގައި އެ ކަން ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން ޖަލުގައި އެ ކަމަށް ޚާއްސަ ޓަވަރެއް ޖަހައިފައި ހުންނާނެ، އަދި ޖަލު ސަރަހައްދުގައި މޯބައިލް ފޯން ބޭނުންކުރާ ހުރިހާ ފަރާތެއް، ހުއްދަ ލިބިގެން ފޯން ބޭނުންކުރާ ހުރިހާ ފަރާތެއްގެ ބްލެކް އެންޑް ވައިޓް ލިސްޓެއް ކަނޑައަޅައި އެ ފަރާތްތަކުގެ އައިޑެންޓިޓީއާއި ހުރިހާ ޑީޓެއިލްސްއެއްވާނީ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައި،" ސީޕީ އަހްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ޖަލަށް ވަގަށް ފޯނު ވައްދާ މައްސަލަ ހައްލު ކުރުމަށް ޓަކައި އިތުރު މައުލޫމާތު ހޯދަމުން އަންނަކަމަށް ސީޕީ އަހްމަދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް އިތުރު ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިތުރު ވަސީލަތްތައް ހޯދައި، ގާއިމްކޮށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް