ޑޮމެއިންގެ ޚިދުމަތަށް ހުޅުވާލާނީ އޯޕަން ބިޑިން ސިސްޓަމެއްގެ ތެރެއިން: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ސަރުކާރުން ޑޮމެއިންގެ ޚިދުމަތަށް ހުޅުވާލާނީ އޯޕަން ބިޑިން ސިސްޓަމެއްގެ ތެރެއިން، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް ފެށި "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ސިސްޓަމުގެ ތެރެއަށް ވައްދާ ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި މައްސަލަ ޖެހި ހައްލު ނުހޯދި ހުރި ޑޮމެއިން ތަކަކީ ޒިންމާ އުފުލަންތިބި ބައެއްގެ އިހުމާލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައަށް އަވަސް ހައްލެއް ގެނެސްދޭން މަސައްކަތް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނާ ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އޮޓޯމޮބައިލް ވިޔަފާރިއަކީ ވެސް އެހެން ވިޔަފާރިއެކޭ އެއްގޮތަށް ރެގިއުލޭޓް ކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ގާނޫނާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

"މާލެ ފަހި" ޕްރޮގްރާމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންކަމުން ހާލަތު ބަދަލުކުރަން މި މަސައްކަތަކަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އެދިލައްވާފައެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ޚިޔާލު ހޯދާ، ބަދަލެއް ގެންނަން ޖެހޭނަމަ އެ ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އިފުތުތާހު ކުރި "މާލެ ފަހި" ޕްރޮގްރާމްގެ މަގުސަދަކީ ގްރޭޓާ މާލެ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މަގުތަކަކީ އަމާންތަނަކަށް ހެދުމެވެ. މި ޕްރޮގްރާމް ރާވައި ތަންފީޒުކުރަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

https://sun.mv/194704

މީގެ ކުރިން ވެސް އިދާރާތަކުން ގުޅިގެން މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތަކެއް ވަނީ ނައްތާލާފައެވެ.

comment ކޮމެންޓް