އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހުކުރު ދުވަހު މާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ރަތްހިތްތަލަވިލާ، އުމުރުން 19 އަހަރުގެ މުޙައްމަދު ކިޔާން އަޙްމަދު ނާޒިމެވެ.
ފުލުހުން ބުނީ، ކިޔާން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން، މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން ކިޔާން ބަލައިފާސްކުރިއިރު، ބަރުދަނުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ކިޔާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ކަމަށްވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިފަހުން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ހަނިމާދޫން ދެމައިން ވަނީ ހައްޔަރުކޮށްފައެވެ.