ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލުން މިނިސްޓްރީއާ ހަވާލުކޮށްފި

މާލޭ ސިޓީ ކައުންސިލުން ރަސްފަންނުގައި މަސައްކަތްތަކެއް ކުރުން: ރަސްފަންނުގެ މަސައްކަތް ދެތިން މަސް ތެރޭ ނިމޭނެ ކަމަށް އާޒިމް ވިދާޅުވެފައި ވަނިކޮށް މިނިސްޓްރީން ވަނީ އެ މަސައްކަތް ފަށަން ނިންމައިފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގައި މޫދަށް އެރެން ތަރައްގީކޮށްފައި އޮތް ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލުން އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފައި ވަނީ، ރަސްފަންނު މަަރާމާތު ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށެވެ. އެހެންވެ، އެ މުއްދަތުގައި ރަސްފަންނު ސަރަހައްދު ބަންދު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

ރަސްފަންނު މަރާމާތު ކުރުމަކީ ސިޓީ ކައުންސިލުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މި ހަފުތާގައި ކުރަން ފަށާނެ ކަމަށް ބުނެފައިވާ މަސައްކަތެކެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލޭ މޭޔަރު އާދަމް އާޒިމްވަނީ، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެ މަސައްކަތް ނިންމައި، ރަސްފަންނަކީ ރަނގަޅު ފެންވަރެއްގެ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ ރަސްފަންނުގައި ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް އިއްޔެ ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، ދައުލަތުގެ ކުންފުނިތަކުގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ މިިނިސްޓްރީން ބުންޏެވެ.

https://sun.mv/202607

މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތްތައް މިނިސްޓްރީއާ ހަވާލުކުރި ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ގޮތުން އާޒިމްގެ ބަހެއް ވެސް މިހާތަނަށް ނުލިބެއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އެ މިނިސްޓްރީން ވަނީ ރަސްފަންނުގެ މަރާމާތުގެ މަސައްކަތާ ހަވާލުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރަސްފަންނުގެ މަރާމާތުގެ ވާހަކަތައް މިފަހުން ދެކެވެން ފެށީ، މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއިލާއާއެކު އެ ސަރަހައްދަށް ވަޑައިގަތުމަށްފަހު، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި ފަހުންނެވެ.

އެ ވާހަކަފުޅާ ގުޅުވައި ކައުންސިލުން ވަނީ، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތް ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށައިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުގައިވާ ކަންތައްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވިއެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި، ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް އެޅުމުން، އެ ފެސިލިޓީ އެނިމަލް ވެލްފެއާ މިނިސްޓްރީން އަތުލި މައްސަލައިގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއެވެ.

https://sun.mv/202037

އެއިރު މިނިސްޓްރީން ބުނެފައިވަނީ، ބުޅާ ފެސިލިޓީ ނަގަން ޖެހުނީ ކައުންސިލުން އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ނުކުރުމުން ކަމަށެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ގިނަ އަދަދަކަށް ބުޅާ އުޅޭ މައްސަލަ ހައްލުކުރުމަށްޓަކައި އެޅި އެ ފެސިލިޓީގެ ޚިދުމަތްތައް ނުފެށި ގިނަ ދުވަސްވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް