ތޮއްޖެހުން ހައްލުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް ރައީސް އިފްތިތާހުކޮށްދެއްވައިފި

ގްރޭޓާ މާލެ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކާ ސަރުކާރުން ކުރިއަށްގެންދާ "މާލެ ފަހި" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ/ ޕީއެސްއެމް

ގްރޭޓާ މާލެ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކާ ސަރުކާރުން ކުރިއަށްގެންދާ "މާލެ ފަހި" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް ރާވައި ތަންފީޒުކުރަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން އެކުލަވާލި "އާބަން ޓްރެފިކް ޑީ ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ"ގެ ލަފަޔާއި މަޝްވަރާއާއެކު އެކުލަވާލި ޕްލޭނުގައިވާ ހަރަކާތްތަކެކެވެ. މި ކޮމިޓީގައި ހިމެނޭ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ، ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ހިމެނެއެވެ.

https://sun.mv/185843

މިރޭ އިފްތިތާހުކުރި މާލެ ފަހި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ:

  • ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
  • ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން
  • މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

މި ޕްރޮގްރާމުގެ ދަށުން މާލޭސިޓީ ކައުންސިލުން ވަނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ. މިނިސްޓްރީން ބުނީ ވަކި ރަށެއް، ސިޓީއެއް ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ގަވާއިދު ތަންފީޒުކުރެވިފައި ނުވާ ސަބަބަކީ، އެއީ ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހަދާފައިވާ ގަވާއިދަކަށް ވާތީ ކަމަށާއި އެގަވާއިދު އިސްލާހުކޮށް، މިދިޔަ މާޗު މަހުގެ ތެރޭގައި ގެޒެޓްކޮށްފައި ވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގާރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި އެހެނިހެން ވިޔަފާރި ކުރުމަށް ގަރާޖް ރަޖިސްޓްރީކުރުން ނިމުމަކަށް ގެންނަން ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަނުގެ މައުލޫމާތު އެއް ވިއުގައެއްގެ ތެރެއިން އިދާރާތަކަށް ފެންނާނެ އިންޓަގްރޭޓެޑް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން،އާރުޓީއެލް ބަސްތަކަކީ މާލެ އަދި ހުޅުމާލޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ބަހަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ގްރޭޓާ މާލެ ސަރަޙައްދުގައި މިވަގުތު 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދެ ފުރޮޅުލީ އުޅަނދުގެ 70 ޕަސަންޓަކީ މާލޭ ސަރަހައްދަށް ރެޖިސްޓާކޮށްފައިވާ އުޅަނދުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ވެސް އިދާރާތަކުން ގުޅިގެން މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތަކެއް ވަނީ ނައްތާލާފައެވެ.

comment ކޮމެންޓް