ރާއްޖޭގެ އިގުތިސާދީ މިހާރު އޮތް ވަރަށް ވުރެ ގޯސްވިޔަ ނުދިނުމަށްޓަކައި، ޑަބަލް ޕެންޝަން އުވާލަން ވޯލްޑް ބޭންކުން ލަފާދީފިއެވެ.
ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވޯލްޑް ބޭންކްގެ ސީނިއާ އިކޮނޮމިސްޓް ރޮބަޓް ޕަލާސިއޯސް ވިދާޅުވީ ރާއްޖޭގައި މިހާރު ޕެންޝަން ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށާއި، މި ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 13 އިދާރާއަކަށް މިހާރު 'ޑަބަލް ޕެންޝަން' ލިބޭ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ޚަރަދު ކުރަނީ ސިފައިންނާއި ފުލުހުންނަށް ކަމަށެވެ.
ޑަބަލް ޕެންޝަންއަކީ ސަރުކާރުގެ ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކުން ހިންގާ ސްކީމްތަކާ ހެދި ބައެއް މީހުންނަށް ދެ ޕެންޝަނެއް ލިބުމެވެ.
ޕަލާސިއޯސް ލަފާ ދެއްވީ، ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް، އާބާދީގެ އެންމެ މުއްސަނދި 10 ނުވަތަ 20 ޕަސެންޓަށް ޕެންޝަން އިނާޔަތް ދިނުން ހުއްޓާލުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެންޝަން ނިޒާމު ދަމަހައްޓަން އެންމެ ބޮޑު ބުރައަކަށް ވެފައި ވަނީ ބޭސިކް ޕެންޝަނަށް ވުރެ ދެގުނަ ބޮޑު އިނާޔަތެއް އުމުރުން ދުވަސްވީ މީހުންނަށް ދޭން ކަނޑައަޅައިފައިވުމުންނެވެ.
ވޯލްޑް ބޭންކުން މީގެ ކުރިން ވެސް ވަނީ ޑަބަލް ޕެންޝަން ނިމުމަކަށް ގެންނަން އެކި ފަހަރު މަތިން ލަފާދީފައެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް ތަފާތު ސްކީމްތަކުން ދައުލަތުން ކުރާ ހޭދައާ ގުޅޭ ގޮތުން ބޭރުގެ އަދި ރާއްޖޭގެ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އަހަރުތަކަކަށް ދެމިގެންދާ މާލީ އިސްލާހީ ޕްރޮގްރާމެއް ވީހާވެސް އަވަހަކަށް މިގައުމަށް ބޭނުންވާ ކަމަށް ވޯލްޑް ބޭންކްއިން ބުނެފައިވެއެވެ.
މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި އޮތީ 5.2 ޕަސެންޓަށެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު އެ އަދަދު ވަނީ 4.7 ޕަސެންޓް ދަށްކޮށްފައެވެ.