ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކު، ދިގު މުއްދަތުގެ މާލީ އިސްލާހީ ޕްރޮގްރާމެއް ބޭނުންވޭ: ވޯލްޑް ބޭންކް

މީހަކު ފިހާރައެއް ތެރޭގައި: ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކު ކަމަށާއި ދިގު މުއްދަތުގެ މާލީ އިސްލާހީ ޕްރޮގްރާމެއް ތަންފީޒުކުރަން ޖެހޭ ވޯލްޑް ބޭންކްއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އަހަރުތަކަކަށް ދެމިގެންދާ މާލީ އިސްލާހީ ޕްރޮގްރާމެއް ވީހާވެސް އަވަހަކަށް މިގައުމަށް ބޭނުންވާ ކަމަށް ވޯލްޑް ބޭންކްއިން ބުނެފިއެވެ.

ވޯލްޑް ބޭންކްއިން އެންމެ ފަހުން ނެރުނު މޯލްޑިވްސް ޑެވެލޮޕްމެންޓް އަޕްޑޭޓްގައި ވަނީ، ރާއްޖޭގެ ދަރަނި ބޮޑުވުމުން ނުރައްކާތައް އޮތް ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް މާލީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އެ ރިޕޯޓުގައިވަނީ މި ސަރުކާރުން ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާފައިވާކަން ފާހަގަކޮށް، އެއީ ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެފައެވެ. އެ އެޖެންޑާގައިވާ ގޮތުގެ މަތިން، ސަބްސިޑީތަކާއި އާސަންދައަށް އިސްލާހުތައް ގެނެސް، ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތްތައް ވެސް ހަރުދަނާކޮށް ޕަބްލިކް އިންވެސްޓްމެންޓް ފްރޭމްވޯކެއް އޮތުން މުހިންމު ކަމަށް ވޯލްޑް ބޭންކްއިން ފާހަގަކުރިއެވެ.

އެ ރިޕޯޓުގައިވަނީ، އިސްލާހުތައް ތަންފީޒު ކުރުމުގައި ސާބިތުވެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ދިވެހިންނާ އެކަށީގެންވާ ގޮތެއްގައި މުއާމަލާތުކޮށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ. އަދި މާލީ އިސްލާހުތައް ތަންފީޒު ނުކުރާ ނަމަ ދަރަނި ވަރަށް އަވަހަށް އިތުރުވެ، އިގުތިސާދަށް އޮތް ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދިނެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމައަކަށް އެޅުވެން އޮތީ މާލީ ބޮޑެތި ބަދަލުތަކެއް ގެނެސް، އަހަރުތަކަކަށް ދެމިގެންދާ އިސްލާހީ ޕްރޮގްރާމެއް ތަންފީޒު ކުރުމުން ކަމަށް އެ ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 4.7 ޕަސެންޓް ކަމަށެވެ. އަދި ސަބްސިޑީއަށް ގެންނަ އިސްލާހާއި އެހެނިހެން މާލީ އިސްލާހުތަކާ ގުޅިގެން މިއަަހަރު އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ ކަމަށް ވެސް އެ ބޭންކުން ލަފާކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު އެ ރިޕޯޓާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއިން އާމްދަނީއަށް ވުރެ އިތުރަށް ޚަރަދު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް އޮތްކަން ފާހަގަކުރައްވައި، އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެންނަށް ސަބްސިޑީ ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލުކުރުމާއި ސިއްހީ ފަރުވާއަށް ހޭދަކުރާ ގޮތް ހަރުދަނާ ކުރުމާއި ޕަބްލިކް އިންވެސްޓްމެންޓް ޕްރޮގްރާމްގެ ހިންގުން ރަނގަޅު ކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި އޮތީ 5.2 ޕަސެންޓަށެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު އެ އަދަދު ދަށްކުރީ، ރާއްޖެ އަންނަ ފަތުރުވެރިންގެ މިސްރާބު މިހާރު ހުރީ މަތީ ފަންތީގެ ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓްހައުސްތަކަށް ކަމަށާއި ފަތުރުވެރިން ހޭދަ ކުރާ މިންވަރު މަދުކަމަށް ބުނެއެވެ.

https://sun.mv/192637

މިދިޔަ މަހު ފިނޭންސް މިނިސްޓްރީންވަނީ، މާލީ އިސްލާހުތައް ނުގެނެސް ޚަރަދު ކުރަމުންދާނަމަ މިއަހަރުގެ ޑެފިސިޓް 20 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިސްލާހުތައް ގެނައުމުން އެ އަދަދު 11 ބިލިއަނަށް ކުޑަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް