ޒުވާނަކަށް ގޭންގަކުން ހަމަލާ ދިނުން: އިތުރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ: ހުޅުމާލޭގައި ގޭންގަކުން ޒުވާނަކަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ

ހުޅުމާލޭގައި ޒުވާނަކަށް ގޭންގަކުން ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިސް ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.

މ. ރަތްމަންދުއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26 އަށް ހުޅުމާލޭގައި ގްރޫޕަކުން ހަމަލާ ދިނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

އެ މައްސަލައިގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 00:04 އެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭގެ ކުރިން، މި މައްސަލައިގައި މި މަހުގެ 18 ވަނަ ދުވަހު ވެސް 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

އާންމުންގެ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ހަމަލާ ދީފައިވަނީ ގޭންގް ގްރޫޕަކުން ކަމަށެވެ. އަދި، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކެއް ވެސް އެ ޕޯސްޓާ އެކު ވަނީ ހިއްސާކޮށްފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ނަޒީފުގެ ބޮލުގެ ފުއްކިބައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި، މޫނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ އަށްވަނަ ދުވަހު ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ގޭންގުތަކުގައި ގިނައީ 12 އަހަރާއި 13 އަހަރުގެ ކުޑަކުދިން ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ، ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މި މަހު ފަށައިފައިވާއިރު ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ވަނީ އުފައްދައިފައެވެ.

comment ކޮމެންޓް