އެމެރިކާގެ ރިޔާސީ ރޭހުގައި ޓްރަމްޕަށްވުރެ ކުރީގައި ހެރިސް

އެެމެރިކާގެ ރިޔާސީ ރޭހުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކަމަށް ބެލެވޭ އެ ގައުމުގެ މިހާރުގެ ނާއިބު ރައީސް ކަމަލަ ހަސަން -- ފޮޓޯ/ސީއެންއެން

އެމެރިކާގެ ރިޔާސީ ރޭހުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޓޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވުރެ މިހާރުގެ ނައިބު ރައީސް ކަމަލަ ހެރިސް ދެ ޕަސަންޓު ކުރި ހޯއްދަވަފައިވާ ކަމަށް ރޮއިޓާސްގެ ޕޯލުން ދައްކައިފިއެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕޯލް ކުރިއަށް ގެންދިޔައީ ރިޕަބްލިކަން ޕާޓީގެ ގައުމީ ކޮންވެންޝަންގައި ބުރާސްފަތި ދުވަހު ޓްރަމްޕް އޭނާގެ ޕާޓީގެ ނޮމިނޭޝަން ރަސްމީކޮށް ބަލައިގަތުމާއި ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވައި، ނާއިބު ރައީސް ކަމަލަ ހެރިސްއަށް ތާއީދުކުރައްވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނުކުރެއްވުމާ ގުޅިގެންނެވެ.

ޕޯލުން ދައްކާ ގޮތުގައި ނައިބު ރައީސް ހެރިސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް 44 އިންސައްތަ މީހުން ބުނެއެވެ. އަދި، ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް ބުނެފައި ވަނީ 42 އިންސައްތަ މީހުންނެވެ.

ރޮއިޓާސްގެ އެންމެ ފަހުގެ ޕޯލުން ދައްކާ ގޮތުގައި އުމުރުން 59 އަހަރުގެ ހެރިސް އަކީ ނަފުސާނީ ގޮތުން ވަރުގަދަ އަދި ގޮންޖެހުންތަކާ ކުރިމަތިލާން ކުޅަދާނަ ބޭފުޅެއް ކަމަށް 56 އިންސައްތަ މީހުން ވަނީ ބުނެފައެވެ. ނަމަވެސް 78 އަހަރުގެ ޓްރަމްޕަކީ އެފަދަ ބޭފުޅެއް ކަމަށް ބުނެފައިވަނީ 49 އިންސައްތަ މީހުންނެވެ. އަދި، ބައިޑެންއަށް އެ ޕޯލުން ލިބިފައި ވަނީ އެންމެ 22 އިންސައްތަ މީހުންގެ ތާއީދެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕޯލްގައި އެމެރިކާގެ 1،241 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ 1،018 މީހުން ހިމެނެއެވެ.

ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ހެރިސް ކުރީގައި އުޅުނު ނަމަވެސް ހެރިސް ބަލިކުރަން މާ ފަސޭހަ ވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ހެރިސްއާ ކުރިމަތިލާން ކަންބޮޑުނުވާ ކަމަށް ޓްރަމްޕްގެ ކެމްޕޭން އެޑްވައިޒަރުންނާއި އެކުވެރިން ވެސް އަންނަނީ ބުނަމުންނެވެ.

ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ބައިޑަން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އުމުރުން 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާފައިވަނީ، އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް