އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، ޗައިނާގައި އުފައްދާ އާ ހިއުމަނޮއިޑް ރޮބޮޓުތަކާއި ޕަވާ އިންވާޓަރުތައް އެމެރިކާއަށް އެތެރެކުރުން ޓްރަމްޕްގެ ސަރުކާރުން މިއަދު މަނާކޮށްފިއެވެ.
އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން އިންސާނުންނާ ވައްތަރު ރޮބޮޓުތަކާއި ހަތަރު ފައިލީ ރޮބޮޓުތަކުގެ އިތުރުން ސޯލާ ޕެނަލްތަކާއި ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ ޕަވާ އިންވާޓަރުތައް އެތެރެކުރުން މަނާވާނެއެވެ.
އެފްސީސީގެ ޗެއާމަން ބްރެންޑަން ކާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ އެމެރިކާގެ ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ
އެފްސީސީން ފާހަގަކުރި ގޮތުގައި، އެމެރިކާއިން ބޭރުގައި އުފައްދާފައިވާ ރޮބޮޓުތައް ބޭނުންކުރުމުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް އެމެރިކާގެ ރައްޔިތުންނަށް ފާރަލުމާއި، ބޭރުގެ ޖާސޫސީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތު އޮވެއެވެ. އަދި އިންވާޓަރުތައް މެދުވެރިކޮށް ސައިބާ ހަމަލާތައް ދިނުމާއި ޑޭޓާ ވަގަށް ނެގުމުގެ ނުރައްކާ އޮތް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ނަމަވެސް، މިހާރު އެމެރިކާގައި ބޭނުންކުރަމުންދާ އަދި ކުރިން ހުއްދަ ދީފައިވާ މޮޑެލްތަކަށް މި މަނާކުރުމުގެ އަސަރެއް ނުކުރާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިޔަފާރީގެ މައްސަލަތައް ސިޔާސީކުރުމާއި، އެއްވެސް އަސާސެއް ނެތް ގޮތުގައި ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން އެ ގައުމުން އަބަދުވެސް ކުށްވެރިކުރާ ކަމަށެވެ. އަދި ޗައިނާގެ މަސްލަހަތަށް ގެއްލުންވާ ފަދަ ކޮންމެ ފިޔަވަޅަކަށް ރައްދު ދިނުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެމްބަސީން ބުނެފައިވެއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެކެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އުފެއްދުންތެރިކަމުގެ އިގްތިސާދު, ޗައިނާގެ ކުންފުނިތަކުން ދަނީ ކާރުޚާނާތަކާއި ގޭބިސީތަކުގައި ބޭނުންކުރެވޭނެ ހިއުމަނޮއިޑް ރޮބޮޓުތައް އުފައްދައި ބާޒާރަށް ނެރެމުންނެވެ.