ރަޖިސްޓްރީނުކޮށް ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ކާރުތައް ނަގަން ފަށައިފި

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަން ފެށުން --- ފޮޓޯ/ ފުލުހުން

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިފިއެވެ.

ރަޖިސްޓްރީ ނުކުރާ ކާރުތައް ޕާކުކޮށް، ހުޅުމާލޭގައި ކާރު ޕާކުކުރަން ހުރި ޖާގަތައް ފުރާލާފައި އޮންނަ މައްސަލަ ބޮޑުވެ، މި ފަހުން އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދެއް އިއްޔެ ނަގާފައިވާ ކަމަށެވެ.

އަދި، ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރެޖިސްޓްރީނުކުރާ އުޅަނދުތައް މީގެ ކުރިން މާލޭގައި ވެސް ވަރަށް ގިނައިން ޕާކުކޮށްފައި ހުރެއެވެ. ނަމަވެސް، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުންނެވެ.

https://sun.mv/194588

ރަޖިސްޓްރީ ނުކުރާ ކާރުތައް މާލޭގައި ގިނަވެ، ހުޅުމާލޭގައި ހުރި ޕާކިން ޖާގަތަކުގައި ވެސް އެ ފަދަ ކާރުތައް ޕާކުކުރާ މައްސަލަ ބޮޑުވެ، އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކާރު ރަޖިސްޓްރީކުރާއިރު ހައްދަން ޖެހޭ ގަރާޖު ސިޓީގެ ކަންކަން ހަރުދަނާކުރުމާ އެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީން ކާރު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖުތައް ބަލައެވެ. އެހެންވެ، ކާރު ރަޖިސްޓްރީކުރުން ދަތިވެފައިވާ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެއެވެ.

ހަތަރުފުރޮޅުލީ އުޅަނދެއް ރެޖިސްޓްރީ ކުރެވެނީ، އެ އުޅަނދެއް ބާއްވާނެ ޖަރާޖެއް ވެސް އޮވެގެންނެވެ. އެ ގޮތުން، މި ކަމުގައި ތަކުލީފު ދިމާވަނީ ގަރާޖެއް ހަމަޖެއްސުމަށެވެ. ނަތީޖާއެއްގެ ގޮތުން، މާލެއަށް ގެންނަ ކާރު، ތިން ހަތަރު މަސް ވެގެންދާއިރު ވެސް، ރެޖިސްޓްރީ ނުކުރެވޭތީ މަގުމަތީގައި ބާއްވާފައި އޮންނަނީއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ވެސް ހައްލުކޮށްދެއްވާނެކަމުގެ ވައުދުފުޅާ އެކުގައެވެ.

comment ކޮމެންޓް